ޖަމިއްޔާތަކަށް ދޭ "ސިވިލްސޮސައިޓި އެވޯޑް" އަށް ހުޅުވާލައިފި


19 ޖޫން 2025 - 06:03
ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އެޖަމިއްޔާތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން ހުޅުވާލި، މި އިނާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތިން މަސައްކަތްކުރާ، އަދި އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖުތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ނަމޫނާ ޖަމްޢިއްޔާތަކަށް ދެވޭ އިނާމެކެވެ.
މި އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ 9 ދާއިރާއަކުން ހުޅުވާލާފައެވެ. މީގެ ތެރޭގައި އަންހެނުންނާއި، ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުން، ތަޢުލީމާއި ދިގު މުއްދަތުގެ ދަސްވެނިކަން، އިޤްތިޞާދީ ބާރުވެރިކަމާއި އުފެއްދުންތެރިކަން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމާއި މުޖުތަމަޢުގެ ރައްކާތެރިކަން، ސަގާފަތާއި ބަހާއި ތަރިކަ ހިމާޔަތްކުރުން، ފަންނުވެރިކަމާއި އުފެއްދުންތެރިކަމާއި އައިސީޓީ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތައް، އަދި ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ދާއިރާތައް ހިމެނެއެވެ.
މި އިނާމު ލިބޭ ޖަމްޢިއްޔާތަކަށް ޚާއްޞަ އެވޯޑަކާއި ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިނާމުގެ ސަބަބުން ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކަށް ޖުލައި 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.