logoEN
ޚަބަރު

އުނދަގޫ ވަގުތުތަކުގައި އިމާންތެރިކަމާއި ޘާބިތުކަމާއެކު ތިބުމަކީ ހިޖުރައިން ލިބޭ ފިލާވަޅެއް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

20 ޖޫން 2025 - 08:52

ޙިޖުރައިގެ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ތަނަކަށް ދިއުން ނުވަތަ ޙިޖުރަކުރުމެވެ. ހިޖުރީ އާ އަހަރު ފާހަގަކުރަނީ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم، މާއްކާއިން މަދީނަށް ކުރެއްވި ޙިޖުރައިގެ ޙާދިސާގެ މައްޗަށެވެ. އެއީ ކީރިތި ރަސޫލާ، މާތްވެގެންވާ އިސްލާމްދީނަށްޓަކައި ކުރެއްވި އަގުހުރި ޖިހާދާއި، އެކަލޭގެފާނުގެ އަޞްޙާބުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ވަރަށް މަތިވެރި ދުވަހެކެވެ.މި ޙާދިސާއާއި ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވާއިރު، މިއަދު ފާހަގަކުރަނީ ހިޖުރީގޮތުން 1446 ވަނަ އަހަރުގެ ފެށުމެވެ.

ކީރިތި ރަސޫލާ މައްކާގައި ދީނަށް ގޮވާލެއްވުމަށް 13 އަހަރު ހޭދަކުރެއްވިއެވެ. ނަމަވެސް އެ ރަށުގެ އަހުލުވެރިންގެ ފަރާތުން އެކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރުން، އެކަލޭގެފާނު އަވާހަރާކޮށްލަން އެބައިމީހުން ރެވީއެވެ. އެ ހިނދު ﷲގެ އަމުރުފުޅަށް މާއްކާ ދޫކުރައްވާ އެކަލޭގެފާނު މަދީނާއަށް ޙިޖުރަކުރެއްވިއެވެ.ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު ޢިބުރަތްތެރި ދަރުސްތައްވެއެވެ. އެންމެ އަގުހުރު އެއް ފިލާވަޅަކީ ދީނަށްޓަކާވެވަޑައިގެންނެވި ޤުރުބާނީއެވެ. އުފަންވެވަޑައިގެން ބޮޑުފުޅުވި ރަށާ ގާތްތިމާގެ ބޭފުޅުންނާ އާއިލާއާއި މުޅި މިލްކިއްޔާތު ﷲގެ މަގުގައި ދޫކުރައްވައި މައްކާއިން މަދީނާއަށް ހިޖުރަކުރެއްވީ އިސްލާމް ދީނުގެ ދިފާޢުގައި އެކަންކަން ޤުރުބާންކުރައްވައެވެ. ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި އަދި ތާރީޚީ ހިޖުރައިގެ ޙާދިޘާއަކީ، އިސްލާމީ މަތިވެރި ޖިހާދެކެވެ. ހިޖުރަކުރައްވާ އިސްލާމީ އަޤީދާއާއި ޙުކުމްތަކާ ރިސާލަތާ ދަޢުވާތަށް އިސްލާމީ އުމްމަތަށް ބުނެދިނުމުގައި އަގުނުކުރެވޭ މަސައްކަތްތައް ކުރެއްވިއެވެ. މީގެ ބޭނުމަކަށްވީ ހެޔޮލަފާ ޖީލެއް ބިނާކޮށް، ހެޔޮލަފާ މުޖުތަމަޢުއަކާ އަދުލުވެރި ވެރިކަމެއް ޤާއިމުކުރުމެވެ.

ޙިޖުރައިގެ ހާދިސާއަކީ، އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ޙާދިސާއެކެވެ. ހިޖުރައަށް ފަހުގައި ދަޢުލަތުގެ މަރުޙަލާގައި ވާޖިބުތަކާއި ޙުކުމްތައް ބާވައިލައްވާން ފެއްޓެވިއެވެ. އަދި އިސްލާމީ ދަޢުވަތު އިތުރަށް ފުޅާވެގެން ދިޔައެވެ.ރަސޫލާ މަދީނާގައި ޤާއިމުކުރެއްވި ދަޢުލަތުގެ އަސާސްތަކުގެ މަތީގައި، އިސްލާމީ ޖީލުތަކުން ދަޢުލަތްތައް ޤާއިމުކޮށް، ވަރުގަދަ ޙަޟާރަތެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެރިކަން ކުރިއެވެ. ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުކުރުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެ ކަމެއް ފުރިހަމައަށް ރޭވުމުގެ މުހިންމުކަންކަމެވެ. ޙިޖުރައިގެ ޙާދިސާގައި، ދަތުރުގެ ސަވާރީ ތައްޔާރެއްވުމާއި، ޙިޖުރައަށް ނިކުމެވަޑައިގެންނެވި ރޭ ރަސޫލާގެ ދާންމަތިކޮޅުގައި އަލީގެފާނު އަވަހާރަފުޅުލެއްޕެވުމާއި، އަދި ޘައުރު ފަރުބަދައިގައި ތިއްބެވި ވަގުތުތަކުގައި ފަރިއްކުޅުވާނެ ތަކެތި ގެންނެވުމާއި މައްކާގެ ޚާލަތުގެ ޚަބަރު ރަސޫލާއާއި ހަމައަށް ގެނެސްދިނުމުގެ މަސައްކަތަކީ އެކުގައި ގުޅިގެން ކުރި ބުރަ އެހާމެ އުނދަގޫ މަސައްކަތެކެވެ. އިސްލާމްދީން ފެތުރުއްވެވުމަށް ކުރެއްވި ދަތުރުފުޅުން ދޭހަކޮށްދެނީ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުން އިތުރަށް ވަރުގަދަކޮށް ޢަޒުމު އާކުރުމުގެ މުހިންމުކަމެވެ. އެކަކުއަނެކަކަށް އަޅާލުމާއި އޯގާތެރިވުމުގެ ސިފަ ނެގެހެއްޓުމާއި، ޚިޔާލާ ފިކުރު ތަފާތުވާ ހިނދުގައިވެސް އެއްބަނޑުއެއްބަފާކަމާ އުޚުއްވަތްތެރިކަމުގެ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ އެ ގުޅުންތައް ދެމެހެއްޓުމުގެ ފިލާވަޅެވެ.

މީގެއިތުރުން އުނދަގޫ ވަގުތުތަކުގައި އިމާންތެރިކަމާ ޘާބިތުކަމާއެކު ތިބުމުގެ ފިލާވަޅު ބުނެދެއެވެ.ހިޖުރައިގެ ދަތުރުފުޅުގެ ހަނދާން އާކުރަމުންދާއިރު، އިސްލާމްދީން ޙިމާޔަތްކޮށް ކުރިއެރުވުމުގައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާގެ މަތިން ހަނދާންކޮށް، އެ ޒިންމާ ފުރިހަމައަށް ޢަދާކުރުމުގެ ޢަޒުމު އާކުރަންޖެހެއެވެ.

ކޮމެންޓް

871x217_placeholder