logoEN
ޚަބަރު

ޑީކޮންޖެޝަން ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ޓޯވްކޮށްފި

ޝަހްޒާ މުހައްމަދު ޝަހްޒާ މުހައްމަދު

20 ޖޫން 2025 - 15:42

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުގެ ދަށުން ގިނައަދަދެއްގެ އުޅަނދު ޓޯކޮށްފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

މާލޭގެ މަގުތަކުގައި ދަތުރުކުރުމަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ މިފަހުން އަނެއްކާވެސް ފަށާފަ އެވެ. އެގޮތުން، މަޖީދީ މަގުގައި ޕާކްކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފެށި އެވެ. އަދި ބޮޑުތަކުރުފާނުގަމުގައި ހެންވޭރުގެ ވަކި ހިސާބެއްގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކޮށް، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މެންދުރުޓީވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ގިނަ ދުވަސްތަކެއްވަންދެން ބޭނުން ނުކޮށް، ހަލާކުވާން މަގުމައްޗަށް ދޫކޮށްލާފައި ހުރި، 500 އެއްހާ އުޅަނދު މިހާތަނަށް ނައްތާލެވިފައިވާކަމަށެވެ.

އެމިނިސްޓްރީއިން ބުނީ ޕާކިންގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެތަކެއް ދުވަހެއް ވަންދެން އެއްތަނެއްގައި އުޅަނދުގައި ޕާކުކޮށްފައި ބެހެއްޓުން ކަމަށެވެ. އެގޮތުން ބޭނުން ނުކޮށް އެގޮތަށް ބަހައްޓާފައި ހުންނަ އުޅަނދުތަކުގެ ސަބަބުން، އާއްމުކޮށް ބޭނުންކުރާ އުޅަނދުތައް ޕާކު ކުރާނެ ޖާގަ ނުހުންނަ ކަމަށެވެ.

އެހެންވެ، އެފަދައިން ހަނި ގޯޅިތަކާއި ތަންތަނުގައި ޕާކުކޮށްފައި ގިނަ ދުވަސްދެން ބަހައްޓައި ހަލާކުވާން ފަށާފައިވާ އުޅަނދު ތަކުގެ ތެރެއިން އިންޖީނުވެސް ވަކިވެފައިވާ އުޅަނދުތައް ނައްތާލަމުންދާ ކަމަށާ، އަދި އިންޖީނު ހުރި އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެތަނުން އުޅަނދު ނެގުމަށް 60 ދުވަހުހެ މުއްދަތެއް ދިނުމަށްފަހު ވެރިފަރާތުން ހަވާލު ނުވާނަމަ އުޅަނދު ނައްތާލާ ކަމަަށް އެމިނިސްޓްރީއިން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމަކީ މަގުތަކަކީ ސާފު އަދި ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ފަސޭހަ ތަނަކަށް ހެދުމަށް ހިންގާ ޕްރޮގްރާމެއްކަމަށެވެ. އަދި މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި އުޅަނދުތައް ޕާކުކުރުމުގެ މައްސަލައަށްވެސް ހައްލެއް ގެނައުމަކީވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަގުސަދެއްކަމަށް އެ މިނިސްޓްރީިއިން ބުންޏެވެ.

ކޮމެންޓް

871x217_placeholder