logoEN
ޚަބަރު

އެމްޑީޕީގެ ހަރަކާތެއް ބާއްވަން ސަލްޓަންޕާކު ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ

20 ޖޫން 2025 - 17:09

އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރަކާތެއް ބާއްވަން މާލޭގެ ސަލްޓަންޕާކު ދިނުމަށް ނިންމާފައިވާ ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.

ޑރ. މުއްޠަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް އެ ވުޒާރާއިން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން އެ ވުޒާރާއިން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށެވެ. އަދި އެތަން ކުއްޔަށް ދޫކުރުމުގެ އުޞޫލެއް ވެސް މިހާތަނަށް ކަޑައަޅާފައި ނުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެމްޑީޕީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެންކަމަށް ބުނެ އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާކަމަށް ޑރ. މުއްޠަލިބު ވަނީ ހާމަކުރައްވާފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބާއްވައި، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަނުޖެހުނުކަމަށް ބުނެ ވާހަކަ ފަތުރާފައެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކާނިވާ ސަރަޙައްދަށް ކަމަށާއި، އެއީ ކުރިން ހުއްދަ ނެގުމަކާ ނުލައި އެއްވެވޭ ހަމައެކަނި ސަރަޙައްދު ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ފުރުސަތު ފުޅާކޮށް، މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު މާލޭގެ އިތުރު ތަންތަނުގައި އެއްވެ އުޅުމަށް ހުއްދަ ދީފައިވާކަން ހީނާ ވަނީ ފާހަގަކުރަށްވާފައެވެ. އެގޮތުން، ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނު ވަނީ ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތްތައް ހިންގޭނެ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައެވެ.

ހީނާ އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް ކަނޑައެޅި، ފުރުޞަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ.

ކޮމެންޓް

871x217_placeholder