ދައުލަތުގެ އާމްދަނީ އަނެއްކާ ވެސް މައްޗަށް، ހަރަދުތަކަށް ބޮޑު ކޮންޓްރޯލެއް


21 ޖޫން 2025 - 05:56
ސަރުކާރުން އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ އާމްދަނީ އިތުރުވެ، ހަރަދުތައް ބޮޑުތަނުން ކުޑަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް 23 ޕަސެންޓު ކުޑަވެފައިވާއިރު، އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފަ އެވެ. މިއީ ސަރުކާރުގެ ބަޖެޓު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުން ކާމިޔާބީއެއް ފެންނަމުންދާ ކަމުގެ ހެތްކެކެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީއަށް ބަލާއިރު، ޖުމްލަ 17 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމާ އެކު، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރި ފައިސާގެ އަދަދުވެސް 42.9 ޕަސެންޓުން އިތުރުވެފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓު ދަށް އަދަދެކެވެ. މީގެ ތެރެއިން ދައުލަތުގެ ރިކަރަންޓް ހަރަދު 5.3 ޕަސެންޓުން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 72.1 ޕަސެންޓުން ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް ވަރެއްގައި ދަމަހައްޓާފަ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ބަލާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި ފާސްކުރި 20.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުވެފައިވަނީ 8.2 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 9.3 ބިލިއަން ރުފިޔާ އެވެ.
ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މިބައިގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ހަރަދު ވަނީ 71.5 ޕަސެންޓުން ދަށްވެފަ އެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވެސް ވަނީ، ނިމުނު އަހަރާ އަޅާބަލާއިރު 17.2 ޕަސެންޓު ދަށްވެފަ އެވެ.
މިކަންކަމުން ދައްކައިދެނީ، ދައުލަތުގެ ބަޖެޓު މެނޭޖްކުރުމުގައި މި ސަރުކާރުން އިސްކަންދީފައިވާ އިސްލާހީ ފިޔަވަޅުތައް ކާމިޔާބު ކަމުގައި ކަމަށް މާލީ ތަޖުރިބާކާރުން ބުނެ އެވެ.