އަޒުމެއް ނުގުޑާނެ، ދެމިހުންނާނީ ދުޝްމިނުންގެ ޝިކާރައެއްގެ ގޮތުގައި - ޢަލީ ޝަމްޚާނީ


21 ޖޫން 2025 - 08:38
ނިރުބަވެރި ޔަހޫދީން ދޭން އެއްވެސް ޙަމަލާއަކަށް ފަސްޖެހުމެއް ނެތް ކަމަށާއި، އެންމެ ފަހު ނޭވައާ ހަމައަށްވެސް ދެމި ހުންނާނީ ޔަހޫދީންގެ ޝިކާރައެއްގެ ގޮތުގައި ކަމަށް އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ އިސް މުޝީރު، ޢަލީ ޝަމްޚާނީ ވިދާޅުވެއްޖެއެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ޢަލީ ޝަމްޚާނީ ޝަހީދު ކޮށްލުމަށް އެކި ފަހަރު މަތިން ވަނީ މަސައްކަތް ކޮށްފައެވެ.
ޔަހޫދީން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 722 އަށް އަރާފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,546 އަށް އަރާފައެވެ. ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކުރީގެ އިސް ކޮމާންޑަރެއް ކަމުގައިވާ ސަޢީދު އީޛާދީ ހިމެނިވަޑައިގަންނަވައެވެ.
އީރާނުން ވީހާވެސް ގިނަ އަދަދެއްގެ ޢާންމުން ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން ދަނީ އެ ޤައުމުގެ ހަސްފަތާލުތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު މުޙައްމަދުރިޟާ ޟަފްރަޤަންދީ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތައް ތިން ހަސްފަތާލަށް އަމާޒު ކޮށްފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގައި ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ދެ މީހުންގެ އިތުރުން ކުޑަ ކުއްޖަކު ޝަހީދު ކޮށްލާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ޖޫން 13ވަނަ ދުވަހު އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. އީރާނުން ވެސް ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންނަށް ރައްދު ދެމުންނެވެ.
އީރާނުގެ އެންމެމަތީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނައީ އަވަހާރަކޮށްލާނެ ކަމަށްބުނެ އިސްރާއީލުގެ ދިފާޢީ ވަޒީރު އިޒްރޭލް ކެޓްޒް ވަނީ ބުރާސްފަތި ދުވަހު އިންޒާރު ދީފައެވެ.
އިސްރާއީލްގެ ޔެޑިއޮތު އަހްރޮނޮތު ނޫހަށް ދިން ބަޔާނެއްގައި ކެޓްޒް ބުނީ ޚާމަނައީއަކީ "ޒަމާނީ ހިޓްލަރު" ކަމަށާއި، "އެފަދަ މީހަކު ދުނިޔޭގައި ހުރުމަކީ މަނާކަމެއް" ކަމަށެވެ.
"އިސްރާއީލު ނައްތާލުމަކީ އޭނާގެ އެންމެ ބޮޑު މަޤްޞަދު ކަމުގައި ހަދައިގެން ހުރި، ޚާމަނައީ ފަދަ ހުދުމުހުތާރު ވެރިޔަކު ދުނިޔޭގައި ބެހެއްޓޭކަށް ނޯންނާނެ. އޭނާގެ ދިރިހުރުން ނިމުމަކަށް ގެނައުމަކީ އަޅުގަނޑުމެންގެ އޮޕަރޭޝަންގެ އެއް މަޤްޞަދު،" ކެޓްޒް ބުނެފައިވެއެވެ.
އިތުރު ލިޔުންތައް

އިޒްރޭލުން އީރާނަށް ދިން ޙަމަލާ ރައީސް ކުށްވެރިކުރައްވައިފި
10 ދުވަސް ކުރިން
އިސްރާޢިލުން ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެއްޖެ
10 ދުވަސް ކުރިން
އީރާންގެ ނިއުކްލިޔަރ ޕްރޮގުރާމުގެ ކޮންޓްރޯލް ޓްރަމްޕަށް ނެގިދާނެތަ؟
9 ދުވަސް ކުރިން