logoEN

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކަށް އެ މީހުން ޖަވާބުދާރީ ކުރުވާނަން - އީރާން

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

21 ޖޫން 2025 - 10:37

އީރާންގެ ދިފާޢަށް ހިންގާ ޕުރޮގުރާމުތައް ހުއްޓައިލުމަކީ ބަލައިގަނެވޭނެ ޝަރުޠެއް ނޫންކަމަށާއި، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކަށް އެ މީހުން ޖަވާބުދާރީ ކުރުވާނެ ކަމަށް އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވެއްޖެއެވެ.

އީރާނުން ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ތިން ބާރުގެ ގޮތުގައި ބެލެވޭ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތާ (އީ3ގެ ޤަައުމުތައް) އެކު މުހިންމު މަޝްވަރާތަކެއް ބާއްވާފައިވާއިރު، އީރާނުން އީ3ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އީޔޫގެ އިސް އޮފިޝަލުންނާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވާފައި މި ވަނީ، ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވިދާޅުވީ، އުފެދިފައިވާ މައްސަލައަށް ޚާރިޖީ ހައްލެއް ހޯދުމަށް އީރާނުން ބޭނުންވާ ކަމަށާއި ނަމަވެސް، އެ ކަމާ މެދު މަޝްވަރާ ކުރަން ފަށާނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ހުއްޓައިލުމުން ކަމަށެވެ.

ޖެނީވާގައި ބޭއްވި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ނެތް ނަމަވެސް، އީރާނާއި އީ3ގެ ޤައުމުތަކާ ދެމެދު އިތުރު މަޝްވަރާތައް ބޭއްވުމަށް އެ ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އިތުރު ބައްދަލުވުމެއް ދެން ބާއްވާނެ ތާރީޚު އިޢުލާނު ކޮށްފައެއް ނެތެވެ.އީރާނާއި އީ3ގެ ޤައުމުތަކާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވާފައި މި ވަނީ، އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭޭގައި އެ ކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމުގައެވެ.

ޖޫން 13 ވަނަ ދުވަހު އީރާނަށް ޙަމަލާ ދޭން އިސްވެ ފެށީ ޔަހޫދީންނެވެ. އެއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކު ފަށާފައިވާ ޢުދުވާނެއް ކަމުގައި ބެލެވެއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މައި މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންނަށެވެ. އީރާންގެ ދިފާޢީ އަދި އަސްކަރީ މަރުކަޒުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

އީރާނާ އެކު މަޝްވަރާތައް ފެށުމުގެ ކުރިން އީ3ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ވެސް މަޝްވަރާ ކުރައްވާފައެވެ. އީރާނާ އެކު މަޝްވަރާތައް ބާއްވައި، ޚާރިޖީ ހައްލެއް ހޯދުމަށް ވޮޝިންގޓަނުން ބޭނުންވާ ކަން ރޫބިޔޯ ހާމަކުރައްވާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

ކޮމެންޓް

871x217_placeholder