ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކޮށްފި
21 ޖޫން 2025 - 13:00

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ގިނަ ހަރަކާތްތަކަކާއެކު "މޫދު ފެސްޓް" ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައި މިއަދު ފަށައިފިއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ގޮނޑުދޮށުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ މެންދުރު 1:00 އިން ހަވީރު 5:00 އާ ހަމައަށެވެ.

Ad by Hajj Corporation
މޫދު ފެސްޓްގައި ކަނޑުގެ މައުލޫމާތު ދިނުމަށް ގިނަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފަ އެވެ. މި ފެސްޓިވަލްގައި ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވެ އެވެ.
މި ހަރަކާތުގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތު ހޯދައިދިނުމަށް ސްޓޯލްތަކުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި ފެސްޓިވަލްގެ އެންމެ ހާއްސަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ދިޔައީ ޑައިވް ސެންޓަރުތަކާ ގުޅިގެން ހިންގި "ޑިސްކަވާ ޑައިވް" ހަރަކާތެވެ.
އެ ހަރަކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ފުރުސަތުގެ ބޭނުންކޮށްގެން 40 ކުޑަކުދިން ވަނީ ކަނޑުގެ ރީތިކަން ކައިރިން ދެކި، ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ހޯދާފައެވެ.
މި ހަރަކާތަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދިނުމަށް ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތް ކުރުމަށް ބާރުއެޅުމެވެ. މި އިވެންޓްގެ ހުރިހާ ބައިވެރިންނަށާއި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަނީ ހަނދާނީ ސެޓްފިކެޓް ދީފަ އެވެ.


