logoEN
ކުޅިވަރު

ފަހުވަގުތު ރެޑް ޑައިމަންޑް އަތުން މޮޅުވެ، އިންޓަރ ދެވަނަ ބުރުގެ އުއްމީދުތައް އައުކޮށްފި

އިންޓަރ އާއި ރެޑް ޑައިމަންޑްަސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ޢިންޓަރ

އިންޓަރ އާއި ރެޑް ޑައިމަންޑްަސް ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ޢިންޓަރ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

22 ޖޫން 2025 - 04:54

ފީފާ ކުލަބު ވޯލްޑް ކަޕުގެ ގްރޫޕް އީގައި ރޭ ކުޅުނު މެޗުގައި އިޓަލީގެ އިންޓަރ މިލާން ވަނީ ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް އަތުންފަހުވަގުތު ގޯލުޖަހައިގެން 2-1 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ. މި މޮޅުވުމާއެކު އިންޓަރ މިލާނު ވަނީ ގްރޫޕްގެ ދެވަނައަށް އަރައި، ދެވަނަ ބުރަށް ދިއުމުގެ އުއްމީދުތައް އާކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ އުރާވާ ރެޑް ޑައިމަންޑްސްގެ ރަޔޯމާ ވަތަނަބޭއެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޖެހި މި ލަނޑާއެކު ޖަޕާނުގެ ޓީމަށް ކުރިއެރުން ލިބުނެވެ. އެއަށްފަހު ޑިފެންސަށް އިސްކަންދީގެން ކުޅުނު އުރާވާ ރެޑްސް ގިނަ ވަގުތު އިންޓަރ ގޯލެއް ޖެހިޔަ ނުދީ ވަނީ ހުއްޓުވާފައެވެ.

އެހެންނަމަވެސް މެޗުގެ 77 ވަނަ މިނެޓުގައި އިންޓަރ މިލާންގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވިއެވެ. މިއީ މެޗުގައި އުރާވާ ރެޑްސްގެ ގޯލަށް އިންޓަރ މިލާނުން އަމާޒުކުރި ފުރަތަމަ ހަމަލައެވެ.

މެޗުން މޮޅުވި ގޯލު އިންޓަރ މިލާނަށް ޖަހައިދިނީ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވެލެންޓިން ކާބޮނީއެވެ. އުރާވާ ކުޅުންތެރިއަކު މަތަކުރި ބޯޅައެއް ދެވަނަ ފަހަރަށް ގޯލަށް ވައްދާލައިގެން ކާބޮނީ މި ލަނޑު ކާމިޔާބުކުރިއެވެ.

މި މޮޅާއެކު އިންޓަރ މިލާނަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި، ގްރޫޕުގެ އެއްވަނަ މަޤާމު ވަގުތީގޮތުން ހޯދާފައެވެ. އަދި އުރާވާ ރެޑްސް ވަނީ ދެ މެޗުންވެސް ޕޮއިންޓެއް ނުލިބި، މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިނުވެ ވަކިވެފައެވެ.

ކޮމެންޓް

871x217_placeholder