ޒަބީބޯލް ފޫގޮސް ހުސްއަތާ މެޑްރިޑް ސީޒަން ނިންމާލިއިރު، ޕީއެސްޖީ ވޯލްޑްކަޕްގެ ފައިނަލަށް

ރެއާލް މެޑްރިޑުން ސީޒަން ނިންމާލީ ހުސްއަތާ - ފޮޓޯ: ބީއިން ސްޕޯރޓްސް

10 ޖުލައި 2025 - 03:02
ސީޒަނުގައި 6 މުބާރާތް ކާމިޔާބުކުރުމަށް ނިކުތް ރެއާލް މެޑްރިޑް ފީފާ ކުލަބް ވޯލްޑްކަޕްގެ ސެމީފައިނަލުގައި ޕީއެސްޖީ އަތުން ލަޑުވެތިގޮތަކަށް 4-0 އިން ބަލިވެ، ހުސްއަތާ ސީޒަން ނިންމާލަން ޖެހިއްޖެއެވެ.
މެޗުފެށިގެންދިޔައީވެސް ޕީއެސްޖީގެ ބިރުވެރި ހަމަލާތަކުންނެވެ. މެޗުފަށައިގެން ކައިރުކައިރީގައި ޕީއެސްޖީއިން ރެއާލްގެ ގޯލާއި އަމާޒުކޮށް ގިނަ ޝޮޓުތަކެއް ފޮނުވާލުމުގެ ނަތީޖާއަކަށްވީ ރެއާލްގެ ޑިފެންޑަރުންނަށް ކައިރި ކައިރީގައި މިސްޓޭކްހެދި މެޗުގެ ޕީއެސްޖީއަށް ގޯލުޖެހުމަށް މަގުފަހިވުމެވެ. މެޗުގެ 6 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު އެސަންސިއޯ އަތުން ހެދުނު ގޯހަކުން ލިބުނު ބޯޅައިގައި ޕީއެސްޖީގެ ފަބިއަން ރުއިޒް ފުރަތަމަ ގޯލުޖެހިއިރު، މެޗުގެ 8 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރ ރޫޑިގާ އަތުން ހެދުނު ގޯހަކުން ޑެމްބެލޭއަށް ހުސްކޮށް ލިބުނު ބޯޅައެއްގައި މެޗުގެ ދެވަނަގޯލުޖެހިއެވެ. ޕީއެސްޖީގެ ތިންވަނަ ގޯލުޖެހީ 24 ވަނަ މިނެޓުގައި، ފުރަތަމަ ގޯލުކާމިޔާބުކުރި ފަބިއަން ރުއިޒްއެވެ.
މެޗުގެ ފުރަތަމަ ހާފު 3-0 އިން ޕީއެސްޖީއިން ކުރީގައި އޮތްއިރު، މެޑްރިޑްއަށް ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް އެއްވެސް ބޯޅައެއް މިހާފުގައި ފޮނުވާލެވިފައެއް ނުވެއެވެ. ދެވަނަ ހާފުފެށިގެން މެޑްރިޑުން ބޯޅަ ހިހަހަށްޓައިގެން ކުޅެން މަސައްކަތް ކުރިނަމަވެސް ޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީ ގެ ގޯލާއި އަމާޒުކޮށް މާގިނަ ހަމަލާތަކެއް މެޑްރިޑްއަށް ފޮނުވާލެވިފައެއް ނުވެއެވެ. ދެވަނަ ހާފުފެށިގެން ކައުންޓަރ އެޓޭކިން ފުޓްބޯޅައެއް ކުޅުނު ޕީއެސްޖީގެ މެޗުގެ ފަހުގޯލު ކާމިޔާބުކުރީ މެޗު ނިމޭން ތިން މިނެޓަށްވެފައިވަނިކޮށް، ކައުުންޓަރ އެޓޭކެއްގައި ޕީއެސްޖީގެ ޕޯޗުގަލްގެ ތަރި ގޮންޒާލޯ ރާމޮސް އެވެ.
ރޭގެ މެޗުގައި ރެއާލް އަށް މިދިޔަ މަހުގައި ސޮއިކުރި ކުޅުންތެރިންކަމުގައިވާ ޓްރެންޓް އަށް އަނިޔާގެ ސަބަބުން މެޗުން ބާކީވެފައިވާއިރު، މިމުބާރާތުގައި މޮޅުކުޅުމެއް ދައްކަމުންއައި ރެއާލްގެ ޑިފެންޑަރ ހައުސެންއަށް ވަނީ ސަސްޕެންޝަނުގެ ސަބަބުން މެޗު ގެއްްލިފައެވެ. މީގެ އިތުރުން ޕީއެސްޖީގެ ޑިފެންޑަރު ޕާޗޯއަށްވެސް އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން މެޗުވަނީ ގެއްލިފައެވެ.
ރޭގެ ބައްޔާއެކު 6 މުބާރާތެއް ކާމިޔާބުކުރުމަށް ސީޒަނަށް ނިކުތް ރެއާލް މެޑްރިޑް މިސީޒަން ނިންމާލީ އެއްްވެސް މުބާރާތެއް ކާމިޔާބު ނުކުރެވި ހުސްއަތާއެވެ. އަދި މިވަގުތުގައި އެންމެ ފޯމުގައި އޮތް ޕީއެސްޖީ މިސީޒަނުގައި މިހާތަނަށް 4 މުބާރާތެއް ކާމިޔާބުކޮށްފައިވާއިރު، ވޯލްޑްކަޕްގެ ފައިނަލަށް ދަތުރު ކުރުމާއެކު އިތުރު މުބާރާތެއް ކާމިޔާބުކުރުމުގެ ފުރުސަތު އެޓީމަށް ވަނީ ލިބިގެން ގޮސްފައެވެ. މީގެ އިތުރުން އަންނަ މަހުގެ 15 ގައި ޕީއެސްޖީ ޔޫރަޕިއަން ސުޕަރ ކަޕްގެ ފައިނަލުގައި ވާދަކުރަން ހަމަޖެހިފައިވާއިރު، އަންނަ ޑިސެމްބަރުގައި އިންޓަރ ކޮންޓިނެންޓަލް ކަޕްގެ ފައިނަލުގައި ޓީމަށް ވާދަކުރުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ.
މީގެ އިތުުރުން ރޭގެ މޮޅާއެކު ޕީއެސްޖީގެ ތަރި އުސްމާން ޑެމްބެލޭއަށް، މި ސީޒަނުގެ ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާ އަށް ދޭ އެވޯޑް ކަމަށްވާ ބެލަންޑިއޯ ލިބުން ވަރަށް ގާތެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
9 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
9 މަސް ކުރިން
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލެސިކޯ މިރޭ: ފަހުގެ ތާރީޚެއްގައި މި ދެޓީމުކުޅޭ އެންމެ ވާދަވެރި މެޗު.
9 މަސް ކުރިން