ޢާންމު ޚިދުމަތްތެރިންނަކީ ހެޔޮވެރިކަމުގެ ތަނބުތައް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

23 ޖޫން 2025 - 07:04
ޢާންމު ޚިދުމަތްތެރިންނަކީ ހެޔޮވެރިކަމުގެ ތަނބުތައް ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އދ. ގެ ޢާންމު ޚިދުމަތްތެރިންގެ ދުވަހާ ގުޅިގެން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ، އދ. ގެ ޢާންމު ޚިދުމަތްތެރިންގެ ދުވަސް ފާހަގަކުރަމުން، ދުނިޔޭގެ މުޖުތަމަޢުތައް ތަރައްޤީ ކުރުމަށް ޢާންމު ޚިދުމަތްތެރިން ކޮށްފައިވާ މުހިންމު ޚިދުމަތްތަކުގެ ހަނދާން އައު ކުރުމަށް ދުނިޔޭގެ ހުރިހާ ބައިވެރިންނާ އެކު އެއްބައިވެވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރާއްޖެއަށް އިޝާރަތްކުރައްވަމުން ރައީސް ވަނީ، ރާއްޖޭގެ ކުރިއެރުމާއި ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް، ރާއްޖޭގެ ސަރުކާރުގެ މުވައްޒަފުންނާއި މުއައްސަސާތަކުން ކެނޑިނޭޅި އަދާކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށާއި، ގައުމީ ރޫހުގައި ކުރައްވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުގެ ޚިދުމަތްތައް ހަރުދަނާކޮށް، ގައުމު އިތުރަށް ތަރައްޤީކުރުމުގައި ސަރުކާރު މުވައްޒަފުންގެ ދައުރު ކޮންމެ ދުވަހަކުވެސް ފުޅާވަމުންދާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 23 ވަނަ ދުވަސް ފާހަގަކުރަނީ އދ. ގެ ޢާންމު ޚިދުމަތްތެރިންގެ ދުވަހުގެ ގޮތުގައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
10 މަސް ކުރިން