logoEN
ރިޕޯޓް

އެމްޑީޕީގެ ޖަލްސާ: އިތުބާރުގެއްލުމުން ލޮލުގައި އަޅުވާ އަނދުނެއްތަ؟

މުހައްމަދު މޫސާމުހައްމަދު މޫސާ

23 ޖޫން 2025 - 12:25

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިރޭ ބޮޑު ޖަލްސާއަކަށް ތައްޔާރު ވަމުން އަންނަނީ އެ ޕާޓީގެ ކުރީގެ ރައީސް ކަމާއި، ޗެއާޕާސަން ކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނާއެކު ދަ ޑިމޮކްރެޓިކްސް އިން އެމްޑީޕީއަށް ގުޅޭ މީހުންނަށް މަރުހަބާ ކިޔުމަށެވެ.

އެމްޑީޕީއަކީ ދެ ފަހަރަކު ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ، މިވަގުތު މެމްބަރުންގެ ގޮތުން ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. މިވަގުތު ރާއްޖޭގެ މައި އިދިކޮޅު ޕާޓީއަކީ ވެސް އެމްޑީޕީއެވެ. އެމްޑީޕީގެ ހަރުގޭގައި ބޭއްވުނު ''ވަނދު'' ޖަލްސާތަކަށްފަހު ކަންމަތި ތަކުގައި ވެސް ބާއްވަން ޖެހުނީ ''ވައި'' އެއްވުންތަކެކެވެ. ޕާޓީގެ ކުރިމަގާމެދު އާންމު މެމްބަރުންގެ އޮތް މާޔޫސްކަން ފެންނަމުން އައީ މި ދެންނެވި އެއްވުންތަކުގެ ނަންބަރުންނެވެ. އެހެންވެ، އެމްޑީޕީއަށް ޖެހިފައި އޮތީ މެމްބަރުން ޖޯޝް ގެނުވާނެ އެއްވުމެއް، ނުވަތަ ޖަލްސާއެއް ބާއްވާށެވެ. އެފަދަ ފުރުސަތެއްގެ ގޮތުގައި އެ ޕާޓީގެ އިސް ވެރިން ދުށީ އެޕާޓީގެ ކުރީގެ އިސް ލީޑަރާއި އެ ލީޑަރގެ ވަށައިގެން އެނބުރޭ ހަރު ކުދިންކޮޅު އަނބުރާ ޕާޓީއަށް އަންނަ ޖަލްސާއެވެ. އެހެންނަމަވެސް މިހާތަނަށް ކަން ހިނގަމުންދާ ގޮތުން އެމްޑީޕީގެ ވެރިން ''ހީކަރުވާފައި ތިއްބެވި'' މިންވަރު ސާފުވެއެވެ.

ތަނެއް ނުލިބުނުކަމަށް ބުނެ ބޮޑު ދޮގެއް ފެތުރުން

އެމްޑީޕީގެ ހަރަކާތްތަކެއް ހިންގަން ސަރުކާރުން މާލެއިން ތަނެއް ނުދިންކަމަށް ބުނެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ފެތުރީ، މާލޭގައި ޖާގަ އޮތް އެއްތަނަށް ވުރެ ގިނަ ތަންތަން އެއްވުމަށް ހުއްދަ ކުރެވިފައި ވަނިކޮށެވެ. މި ސަރުކާރު ވެރިަކަމަށް އައުމުގެ ކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކާނިވާ ސަރަޙައްދުގައެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނު ވަނީ ކުރިން ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތްތައް ހިންގޭނެ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައެވެ.

މިތަންތަން ހުއްޓައި ތަނެއް ނުލިބުނުކަމަށް ބުނެ ފިތުނަ ކުރުމަށްފަހު އެމްޑީޕީން ސަރުކާރުގައި އެދުނީ ސަލްޓަންޕާކް ދޭށެވެ.

ސަލްޓަން ޕާކު ކީއްވެ؟

ފައްޔާޒުގެ ބޮޑު ދޮގުގައި މެމްބަރުންޖެއްސީ ރޭވުމަކުންނެވެ. ސަރުކާރުގެ ދީލަތި ނިންމެވުމެއްގެ ދަށުން ބަންދުކޮށްފައި އޮތް ސަލްޓަންޕާކް އެމްޑީޕީން އެދުނުހެން ނަޝީދު ސޮއިކުރާ ޖަލްސާ ބޭއްވުމަށް ދިނެއެވެ. މިރޭ ޖަލްސާ ބާއްވަނީ އެތާނގައެވެ.

''ސަލްޓަން ޕާކު'' ކީ ނަމަވެސް އެތަނުގައި ޖަލްސާތައް ބާއްވައި އުޅެނީ ސްޓޭޖެއް ހަދާފައި ހުންނަ ކުޑަ ސަރަހައްދެއްގައެވެ. އެތަނަށް ސަތޭކަ އެއްހާ މީހުން އެއްވިޔަސް ނިކަން މީހުން އެއްވައި އޮތް ހެން ފޮޓޯތަކަށް ފެންނާނެއެވެ. ސަތޭކަ ފަންސާހެއްހާ މީހުން ގެންދެވިއްޖެ ނަމަ އެތަން އޮތީ ފުރި ބަންޑުންވެފައިކަމަށް ފެންނާނެއެވެ. އެކަމަކު މި ކިޔަނީ އެމްޑީޕީގެ މެމްބަރުންގެ ނިސްބަތަށް ބަލާއިރު ވެސް ކުޑަކުޑަ މިންވަރެކެވެ. އެހެންކަމުން އެމްޑީޕީން ސަލްޓަންޕާކު ޚިޔާރު ކުރި ސަބަބު ސާފުކޮށް އޮތީ ފެންނާށެވެ. މި ޖަލްސާ އަށް އެކަށޭނަ އަދަދަކަށް މެމްބަރުން އަތުވެދާނެކަމާމެދު ލީޑަރޝިޕްގައި އޮތީ ވަހުމް އުފެދިފައެވެ. ގެންނަން ބޭނުންވާ ޖޯޝް ގެންނަން މަކަރެއް ހަދަން ޖެހުނީ އެހެންވެއެވެ. ބައިމަދު ތަނެއްގައި ބައި ގިނަ ކަމަށް ފެންނާނެ ގޮތެއް ބުއްދިކުރީ މެމްބަރުންގެ ލޮލުގައި އަނދުން އަޅުވާށެވެ.

އިބޫ ފެކްޝަން ނާދޭ!

މެމްބަރުން ގިނަކުރަން އެމްޑީޕީން ދެންގެންގުޅޭ ޓެކްނިކަކީ މިއެވެ. ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙާއި އިބޫގެ ޓީމު މިރޭ ނާންނާނެކަމަށް ބުނެ، މެމްބަރުން އެއްބަޔަކު އަނެއްބަޔަކާއި ޖައްސުވައި ވާދައަށް ވެސް އެތަނަށް ދޭތޯ ބެލުމެވެ. އިބޫ އަކީ އެމްޑީޕީ އެންމެ އިސް ލީޑަރެވެ. އެމްޑީޕީގެ ކުރީގެ ވަޒީރުންނާއި އެމްޑީންނާއި މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ގިނައީ އިބޫ ޓީމްގައެވެ. އެހެންވީއިރު، އެ ޓީމް ނުދާނެކަމަށް އަޑުފަތުރައ ކެމްޕޭން ކުރުމަކީ ވެސް ބޮޑު އޮޅުވާލުމެވެ.

އިތުބާރުގެއްލިފައި

އެމްޑީޕީގެ އާންމެމްބަރުންގެ އެދުމަކީ ވެސް ދެން އަންނަ ވެރިކަމުގެ ލައްޒަތެވެ. އެހެންކަމުން އެ ޕާޓީގެ މުސްތަގުބަލަށް އެންމެ ފުންކޮށް ވިސްނާނީ އެ މެމްބަރުންނެވެ. މިހާރު ފެންނަނީ އެތެރެ ހައްތަހާ ހަލަބޮލިވާތަނެވެ. ބައިބައިވެ ރޫޅެމުންދާތަނެވެ. މިރެއަކީ ރޫޅާލާ މީހާ ވެސް އަލުން ޕާޓީއަށް ގެންނަ ރެއެވެ. އެމީހާ ގެންނަން ވެގެން ވެސް މިއޮތީ މެމްބަރުންނަށް އޮޅުވާލާފައެވެ. ފެނި ހާމަވެގެން ދަނީ މެމްބަރުންގެ އިތުބާރު ޕާޓީގެ ލީޑަރޝިޕަށް ނެތްތަނެވެ. އަލުން ވެރިކަން ލިބިދާނެކަމުގެ އުންމީދު ހީނަރުވެ ޕާޓީއާއި ދުރަށްޖެހޭ ތަނެވެ. ފެއިލް ވެފައި ތިބޭ ސިޔާސީންނަށް ފުރުސަތުދެނީ ޕާޓީ ފެއިލްވެގެންކަމަށް އެމްޑީޕީން ކުރިން ކިޔަމުން އައި ފަދައިންނެވެ.

ކޮމެންޓް

871x217_placeholder