އިރާނުން ޤަތަރު އަދި އިރާޤުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ހަމަލާދޭންފަށައިފި

އިރާނުން ފޮނުވާލަފައިވާ މިސައިލުގެ ފޮޓޮއެއް. ފޮޓޯ: އޭއެފްޕީ

23 ޖޫން 2025 - 16:58
އިރާނުން އެމެރިކާގެ ޤަޠަރު އަދި އިރާޤުގައި ހުރި އަސްކަރީ މަރުކަޒުތަކަށް މިސައިލުން ހަމަލާދޭޏް ފަށައިފިއެވެ. މިކަން އެމެރިކާގެ ސަރުކާރުގެ އިސް ދެ އޮފިޝަލަކު މަޢުލޫމާތު ދީފިއެވެ. މި މިސައިލްތައް ދަތުރުކުރާ މަގު އެމެރިކާއިން ޓްރެކްކުރަމުންދާ ކަމަށްވެސް އެ އޮފިޝަލުން ބުނެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޑޭން ކެއިން ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ތިބިކަމަށް ވައިޓް ހައުސްގެ އޮފިޝަލެއް ހާމަކޮށްފައިވެއެވެ.
މެދުއިރުމަތީގައި ހުރި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ޤަޠަރުގެ އަލް އުދައިދް އެއަރ ބޭސްއަށް އަމާޒުކޮށް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ވައިޓް ހައުސް އަދި ޑިފެންސް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން ކުރިން ބުނެފައިވެއެވެ. މި އަސްކަރީ މަރުކަޒަށް ޒިޔާރަތްކުރި އެންމެ ފަހުގެ އެމެރިކާގެ ރައީސަކީ ޑޮނަލްޑް ޓްރަމްޕެވެ.
އިރާނުން ހަމަލާދީފައިވާ ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސް ހުންނަ ތަން- ފޮޓޯ: އަލް ޖަޒީރާ
އިރާނުގެ ޓަސްނިމް ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި މި ހަމަލާއަކީ "އެނައުންސްމަންޓް އޮފް ވިކްޓަރީ" ގެ ނަމުގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މިވަގުތު ޤަޠަރުގެ ވެރިރަށް ދޯހާގެ އުޑުމަތީގައި އަލިތައް ފެންނަމުންދާއިރު، އެއީ ވައިގެ ދިފާއީ ނިޒާމުގެ އަލިތަކެއްކަން ނުވަތަ މިސައިލްތަކެއްކަން އަދި ކަށަވަރެއް ނުވެއެވެ. އަދި ގަދަ އަޑުގަދަ އަޑުތަކެއްވެސް އިވެމުންދާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. ނަމަވެސް މިހަމަލާތަކާއި ގުޅިގެން އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް އެއްވެސް ފަރާތަކުން ރިޕޯރޓް ކޮށްފައެއް ނުވެއެވެ. އަދިޤަތަރުގެ ސަރުކާރުން ބުނެފައިވަނީ އެޤައުމުގެ ވައިގެ ސަރަޙައްދަށް ވަތް މިސައިލުތައް އެއްވެސް ތަނަކަށް އަމާޒުވުމުގެ ކުރިން ހުއްޓުވާފައިވާކަމަށެވެ.އިރާނުން ހަމަލާތައް ދީފައިވާކަން އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ޔަޤީން ކޮށްދީފައެވެ.
މި ހަމަލާއަކީ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާއަށް ޖަވާބު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މެދު އިރުމަތީގައި އެމެރިކާގެ މިލިޓަރީ ބޭސްތައް އެތުރިފައިވާގޮތް. ފޮޓޯ: އަލް ޖަޒީރާ
އަދި މިހަމަލާތަކާއި ގުޅިގެން ޤަތަރުގައި ހުންނަ އެމެރިކާގެ އެމްބަސީގެ އޮފިޝަލުން ސަލާމަތީ ސަރަޙައްދުތަކަށް ގެންދަމުން ގެންދާކަން އެމެރިކާގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މިހަމަލާތައް އިރާނުން ދީފާނެކަމަށް ބަލައި އެމެރިކާއިން ޤަތަރު ގައި ހުންނަ މިލިޓަރީ މަރުކަޒުން ސިފައިން މީގެ ކުރިން ވަނީ ބާލަން ފަށާފައެވެ.
މިހަމަލާތަކާއި ގުޅިގެން ޤަތަރުގެ ސަރުކާރުން ވަނީ އިރާނުގެ ޙަމަލާތައް ކުއްވެރިކޮށް ނޫސްބަޔާނެއް ނެރެފައެވެ. ނަމަވެސް އިރާނުން ވަނީ މިހަމަލާއަކީ ޤަތަރުގެ އާންމުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫންކަމަށާއި، މި ހަމަލާއަކީ އެމެރިކާފެ މިލިޓަރީ ބޭސްތަކަށް ދީފައިވާ ހަމަލާތަކެއް ކަމުގައި ބުނެފައެވެ.
މިހަމަލާތަކާއި ގުޅިގެން ޤަތަރާއި ދުބާއީގެ ވައިގެ ސަރަޙައްދުވަނީ ބަންދުކޮށްފައެވެ.
އިތުރު ލިޔުންތައް

އިސްރާއީލުގެހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ނިޔާވެއްޖެ
20 ދުވަސް ކުރިން
އިރާނުގެ ޙަމަލާތަކާއި ގުޅިގެން އިސްރާޢީލަށް ބޮޑެތި ގެއްލުންތަކެއް، ސިއްރުކުރަން އިންޓަނެޓް ކަނޑާލައިފި
19 ދުވަސް ކުރިން
ދުނިޔެ ސިއްސުވާލައިފި، އީރާން ދެނެއް ނުހުއްޓުވޭނެ
19 ދުވަސް ކުރިން