ކެތު ލެބުގެ ޚިދުމަތް 4 މަސް ދުވަހުގެ ތެރޭގައި އައްޑޫގައި ފެށޭނެ: ވަޒީރު ނާޒިމް


24 ޖޫން 2025 - 05:13
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ހިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ސިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކެތުލެބުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.ސުވާލުގެ ޖަވާބުގައި ވަޒީރު ވވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބު ގާއިމުކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް އިންސްޓޯލް ކުރުމާ ގުޅުންހުރި މަސައްކަތްތަކުގެ 98 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ގާއިމުކުރާ ކެތުލެބު ފުރިހަމަ ކުރުމަށް ގޮތުން އެތަން ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު އިއުލާންކުރެވިފައިވާކަން ފާހަގަކުރައްވައި ކެތު ލެބު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދައި އެ ފަރާތަކާ ކެތުލެބު ހިންގުމުގެ ކަންކަން ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ހަތަރު މަސްދުވަހުގެ ތެރޭގައި ކެތު ލެބުގެ ހިދުމަތް ފެށޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކެތު ލެބަކީ ހިތުގެ ބަލިތައް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ގާއިމުކުރާ ކްލިނިކެކެވެ.
އައްޑޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ހޮސްޕިޓަލަކަށް ވާއިރު، އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި އެކްސްރޭ، އޯޕީޑީ، ލެބޯރަޓްރީ އަދި ފިޒިއޮތެރަޕީގެ ހިދުމަތް ހިމެނެއެވެ.
އޭގެއިތުރުން ކާޑިއޯ، ޑެންޓަލް، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައް ދިނުމާއި، އަދި ބޮޑެތި ބަލިތަކަށް ތަހްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންތައް ވެސް އެ ހޮސްޕިޓަލުގައި އަންނަނީ ކުރަމުންނެވެ.
އިތުރު ލިޔުންތައް

ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫން - މިނިސްޓަރ
9 މަސް ކުރިން
ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ތެލެސީމިއާ ކުދިން ސްކްރީންކުރަން ފަށައިފި
8 މަސް ކުރިން
ވިލިމާލޭ ހޮސްޕިޓަލް އައު ހަރުފަތަކަށް، ދަތުގެ ޚިދުމަތް ފަށައިފި
8 މަސް ކުރިން