ކޮޅުވެއްޓީގައި ދަތުރުކުރި މީހެއްގެ ދުލުން: "ނިކުމެވުނީ ނޭވާގެ ކޮޅަށް"
25 ޖޫން 2025 - 08:52

އެ ބިރުވެރި، ހިތާމަވެރި ހާދިސާގެ ވާހަކަ ދައްކަން މިއީ އެހާ ފަސޭހަ ވަގުތެއްވެސް ނޫނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އޭގެން ދަތުރު ކުރީ ޖުމްލަ 6 މީހުންނެވެ.
މި ކޮޅުވެއްޓި ކާށިދޫ ކަނޑުތެރެއަށް ބަންޑުން ޖަހާލި މި ހާދިސާގައި ދިވެއްސެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.
މި ހާދިސާ ހިނގީ ކުއްލިއަކަށް ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބުނެދޭން ނޭނގޭކަމަށް މި މަޢުލޫމާތު މި ނޫހާ ޙިއްސާ ކުރި މީހާ ބުންޏެވެ.
"ހަމަ ކުއްލިއަކަށް ބަންޑުން ޖަހާލީ. އަހަރެންނަށްވެސް ފެނުން މައްޗަށް އެރުނީ ހަމަ ނޭވާގެ ކޮޅަށް. އޭރު އެކަކު އޮތް އެތެރޭގައި ތާށިވެފަ" - މި ވަގުތުގެ ޙައްސާސްކަން ބޮޑުކަމުން، ނަން ނުޖެހުމަށް ޝަރުތުކޮށް އެމީހާ ބުންޏެވެ.
ކޮޅުވެއްޓިން ދަތުރު ކުރި 6 މީހުންގެ ތެރެއިން 5 މީހަކު ގެންދިޔައީ ޅ.އަތޮޅު ހޮސްޕިޓަލަށެވެ. އޭގެ ތެރެއިން ނިޔާވެފައިވަނީ ކޮޅުވެއްޓީގެ އިންޖިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ ދިވެއްސެކެވެ. ބާކީ މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް އެމްއެންޑީއެފުން ގެންދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލީ ސިފައިންގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށެވެ.