އޮކްޓޯބަރު 7 އިން ފެށިގެން މިހާ ހިސާބަށް އައިއިރު ލިބުނު ގެއްލުމުގެ ދެގުނަ އިރާނުގެ ސަބަބުން ވެއްޖެ: އިސްރާއީލް
25 ޖޫން 2025 - 13:44

ޔަހޫދީންގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން ހަމާސްއިން ޔަހޫދީންނާ ދެކޮޅަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާތަކާއެކު ފެށި ހަނގުރާމައިގައި ވެފައިވާ ގެއްލުމުގެ 2 ގުނަ އިރާން-އިސްރާއީލް ހަނގުރާމައިން ވެފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ.
ހަމާސް-އިސްރާއީލު ހަނގުރާމައިގެ ސަބަބުންވެސް މިހާތަނަށް ޔަހޫދީންނަށް 0.65 ބިލިޔަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.
އެންމެ 12 ދުވަހުގެ މުއްދަތަކަށް އިރާނުން އިސްރާއީލާ ދެކޮޅަށް ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން ހަމައެކަނި މުދަލަށް ލިބުނު ގެއްލުމުގެ އަގުވެސް ހަމާސް- އިސްރާއީލް ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ޖުމްލަ އަގުގެ ދެގުނައަށް އަރައެވެ.
އިރާނުން ވަނީ އިސްރާއީލަށް 1.47 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ދީފައެވެ . މިކަން އިސްރާއީލުގެ މީޑިއާތަކުންވެސް ދަނީ ކަށަވަރުކޮށްދެމުންނެވެ.
އަދިވެސް މުޅި ގެއްލުމުގެ އަގު ކަށަވަރުވެފައިނުވާއިރު އީރާނުން ދިން މިސައިލް ޙަމަލާތަކުގައި ފަލަސްތީނުގެ ބިން ހިފައި ގަވާއިދާ ހިލާފަށް މީހުން އަބާދުކޮށްފައިވާ ސަރަހައްދުން 11،000 ގެދޮރު ބިމާހަމަވެ 30،000 ގެދޮރަށް ގެއްލުން ލިބިފައިވާކަން ވަނީ ހާމަވެފައެވެ.
އެންމެ ބޮޑެތި ގެއްލުންތައް ވެފައިވަނީ ތެލް އަވީވާއި ބަނދަރުމަތީ ރަށް ޙައިފާއަށެވެ.
ހަނގުރާމައާ ގުޅިގެން މިހާރުވެސް މުދަލަށް ގެއްލުންލިބި ބަދަލު ހޯދުމުގެ 40،000 މައްސަލަ ހުށަހަޅާފައިވާއިރު، މި އަދަދު 50،000 އަށް ނުވަތަ އެއަށްވުރެ އިތުރަށް އުފުލުމަކީ އެކަށީގެންވާކަމެއްކަމަށް ޔަހޫދީ މީޑިއާތަކުން އަންދާޒާކުރެއެވެ.
މީގެ އިތުރުން އިރާނުގެ ހަމަލާތަކުގައި ޔަހޫދީންގެ ހިއްސާގެ ބާޒާރު ހިންގާ އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ހިއްސާގެ ބާޒާރަށް ލޮޅުން އެރިއެވެ. އިގްތިސާދީ ގޮތުންވެސް ޔަހޫދީންނަށް ވަނީ ބޮޑު ގެއްލުމެއް ވެފައެވެ.
އިރާނުން ދޭންފެށި ވަރުގަދަ ހަމަލާތަކާ އެކު 50،000 ޔަހޫދީންވަނީ ބަދަލު ދިނުމަށް އެދި ޔަހޫދީ ސަރުކާރަށް ހުށަހަޅާފައެވެ.