އިރާނުގެ ކިބައިން ސަލާމަތްވީ ހަނި ފުރުސަތަކުންކަމަށް ޔަހޫދީން ބުނެފި
30 ޖޫން 2025 - 06:47

ޔަހޫދީން އިރާނާ ދެކޮޅަށް ދެމުންދިޔަ ހަމަލާތަކުގެ ރައްދުގައި އިރާނުން ދިން ގަދަފަދަ ހަމަލާތަކުގެ ސަބަބުން ޔަހޫދީން ސަލާމަތްވީ ކިރިޔާކަމަށް ޔަހޫދީންގެ ބައެއް މީޑިއާތަކުން ބުނަން ފަށައިފިއެވެ.
މީގެ ކުރިން އިސްރާއީލުން 1981 ވަނަ އަހަރު އިރާގަށް އަދި 2007 ވަނަ އަހަރު ސީރިއާއަށް ހަމަލާދީފައިވިޔަސް އިރާނަކީ ތަފާތު ގައުމެއްކަން ދަނެގެން ކުރި މަސައްކަތުންވެސް ސަލާމަތްވެވުނީ އިސްރާއިލުގެ ދިފާއުގައި އެމެރިކާ އޮތުމުންކަމަށް އެމީހުންވަނީ ބުނެފައެވެ.
އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާއިން ވަނީ މިސައިލް ހަމަލާ ދިނުމަށް ބޭނުން ކުރާ އެ ގައުމުގެ ހަތް "ތާޑް" މިސައިލް ޕްލެޓްފޯމުގެ ތެރެއިން މަގުވެގެން ދެ ޕްލެޓްފޯމް 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ބޭނުން ކޮށްފައެވެ. އެ 12 ދުވަހުގެ ތެރޭގައި ޔަހޫދީންނަށް އެހީތެރިވުމަށް އެމެރިކާއިން 800 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ހަރަދު ކޮށްފައިވާކަންވެސް ވަނީ މިހާރު މީޑިއާތަކަށް ތިލަވެފައެވެ.
ނަމަވެސް އިސްރާއީލަށް ހަމަލާދިނުމަށް އިރާނުން ބޭނުންކޮށްފައިވަނީ އެގައުމުގެ އަސްކަރީ ގާބިލުކަމުގެ އެންމެ 5 އިންސައްތައެވެ.
އީރާނުގެ ނިއުކްލިޔަރ މަޝްރޫއު ހުއްޓުވުމަށް ކަމަށް ބުނެ ޔަހޫދީން އިސްވެ އީރާނަށް ހަމަލާދޭން ފެށީ ޖޫން މަހުގެ 13ވަނަ ދުވަހުއެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ހާއްސަ އަސްކަރީ ހަރަކާތެއް ފަށައި، ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ. އެއަށްފަހު ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ވަނީ މައްސަލައިގެ ތެރެއަށްވަދެ، އީރާނުގެ މައި ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައިފައެވެ. އެ ހަމަލާގެ ރައްދެއްގެ ގޮތުން އައު އަސްކަރީ ހަރަކާތެއް ފަށައި، އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ހަމަލާ ދީފައެވެ. ހަނގުރާމަ ކުރިއަށްދިޔައީ 12 ދުވަހުގެ މުއްދަތަކަށެވެ.
ޔަހޫންދީންގެ އަސްކަރިއްޔާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިރާނާ ދެކޮޅަށް ހަމަލާދިނުމަކީ ޔަހޫދީން މާކުރިންސުރެވެސް ކުރަން ބޭނުންވިކަމެކެވެ. އެގޮތުން 2015 ވަނަ އަހަރު އޭރު އެމެރިކާގެ ވެރިކަމުގައި އޮބާމާ ހުރި އިރުވެސް މިކަމާ މަޝްވަރާތައްކުރެވިފައިވާކަމަށާއި ނަމަވެސް އެކި ސަބަބުތަކާހެދި އެކަން ފަސްވީކަމަށް ޔަހޫދީން ބުނެއެވެ.
އޭގެ ފަހުން މިފަހަރުގެ ހަމަލާ ދިނުމަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ޔަހޫދީން ދިޔައީ ތައްޔާރުވަމުންކަމަށް މީޑިއާތަކުން ބުނެއެވެ.