ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު


26 ޖޫން 2025 - 04:25
ބޯކޮށް ވާރޭ ވެހި ވިއްސާރަކުރާނެ ކަަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަަމައަށެވެ. އެއީ މިއަދުގެ 08:30 އިން ފެށިގެން 14:30 އާ ހަމައަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާފައިވާގޮތުން. އުތުރާއި މެދެރާއްޖެތެރޭ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ލަފާކުރެއެވެ. އަދި ދެކުނާއި ހުޅަނގު ދެކުނުން އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައވެ. މެޓް އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، އުތުރާއި މެދެރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަކޮށް މޫސުން ގޯސްވެފައިވާތީ، ކަމާއި ބެހޭ ފަރާތްތަކުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.