ޙާފިޡުންގެ އަގުވަޒަންކުރެއްވުން: ރައީސް ދީނީކަންކަމަށް ދެއްވާ އަހަމިއްޔަތުގެ ކުލަގަދަ މިސާލެއް


27 ޖޫން 2025 - 18:46
ދިވެހި ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި ނެގެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރަށްވާ މަސައްކަތްޕުޅަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ވެެރިޔަކު ދީނީކަންކަމަށް ދެއްވާ އެންމެ ބޮޑު ޚިދުމަތެވެ. އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގައި އިސްލާމީ ޝިޢާރު ދިރުވައި އާލާކުރުމަށް ކުރަށްވާ މަސައްކަތަށް ޝުކުރު ހައްގެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގެ ދީނީ ސިޔާސަތު ކުރިއަރުވައި ހިންގަނީ ދީނީކަންކަމުގައި ގަދަރު ހައްގުވާ މީހުންނަށް އެ ގަދަރު ދެއްވައި އަގުވަޒަންކުރަށްވައި ހިތްވަރު ދެއްވުމާއެކު އެވެ. އެއިގެ އެއް މިސާލަކީ ޙާފިޡުންނަށް ލިބެމުން އައި އިނާޔަތް ޑަބަލްކޮށްދެއްވުމެވެ.
17 ޖުލައި 2024 ގައި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކީރިތި ގުރުއާން ހިތުދަސް ހާފިޒުންނަށް ދެމުން އަންނަ އިނާޔަތް ދެ ގުނަ ބޮޑު ކުރަށްވާނެކަން ޢިއުލާން ކުރަށްވާފައެވެ. އެއީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތުގެ މަތީންނެވެ.
އެ ވަޢުދުފުޅު ފުއްދަވައި ރައީސް ވަނީ 1 ޖުލައި 2025 އިން ފެށިގެން ޙާފިޡުން އިނާޔަތް ޑަބަލްކޮށް ލިބޭގޮތަށް ހަމަޖައްސައިދެއްވާފައެވެ.
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000ރ. އެވެ. މި ނިންމުމާއިއެކު 1 ޖުލައި 2025 އިން ފެށިގެން ކޮންމެ ހާފިޒަކަށް 4000 ރުފިޔާ ލިބޭނެއެވެ. ރާއްޖޭގައި މިވަގުތު 266 އެއްހާ ހާފިޒުން އުޅެއެވެ.
މިއީ ދިވެހި ހާފިޡުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ބޮޑު ހިތްވަރެކެވެ. މިއިން ޒަމާނަކު ޙާފިޡުންނަށް ވެރިޔަކު ނުދެއްވާ އަހަމިއްޔަތު ދެއްވުމީ، ހާފިޡުންނަށް ވުމަށް ޝައުގުހުރި މީހުންނަށް ވެސް ލިބޭނެ ބޮޑު ހިތްވަރެކެވެ.
މިއީ މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ކުޑަ މިސާލެކެވެ. މި ސަރުކާރުން ދީނީ ރޮނގުން އަންނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރެއިން ޤުރްއާންގެ ދާއިރާގެ ބައެއް މިސާލުތަކަށް ބަލާއިރު، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައެވެ. ހަމައެއާއެކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކޮށް، ވިލިމާލޭގައިވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.
ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ހަމައެއާއެކު މި ސަރުކާރުން އިސްނަގައިގެން މިސްކިތްތަކުގެ އިމާމުންގެ ޤުރްއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް "ތަޙްސީނުލް ޤުރްއާން"ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމާ، ކީރިތި ޤުރްއާނުގެ ފަންނާ ހުނަރު ތަރައްޤީކޮށް ކުރިއަށްގެންދިއުމުގެ ގޮތުން "މަޤާމާތުލް ޤުރްއާނިލްކަރީމް" ގެ ނަމުގައި ޕްރްގުރާމެއް ކުރިއަށް ގެންދެއެވެ. އަދި މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ޒަމާނުއްސުރެ ޒަކާތު ފަންޑުން ކުރަމުންގެންދިޔަ މަސައްކަތެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވައި މިއަހަރުން ފެށިގެން އެ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި މި މުބަރާތުގެ އިތުރުން ޙާފިޡުންނަށް ޚާއްޞަ މުބާރާތެއްވެސް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަރުކާރުން ހާފިޡުންނަށް އަސްލު ގަދަރު ދިނުމަށް ވަނީ އަތުކުރި އޮޅާލާފައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޚާއްޞަކޮށްގެން ދަސްވެނިވުމެއް ފުރަމަ ބޭއްވީ ވެސް މި ސަރުކާރުންނެވެ. 27 މާރިޗް 2025 ގައި މި އިހްތިފާލް ބޭއްވިއެވެ.
ޝައްކެތް ވެސް ނެތް ގޮތުގަައި ރައީސް މުޢިއްޒުގެ މި މަސައްކަތްޕުޅަކީ ހުރިހާ ހާފިޡުންނާއި ޢާއިލާތަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަ މަސައްކަތް ޕުޅެކެވެ. ހިތްވަރާއި ޖޯޝް ލިއްބައިދިން ކަމެކެވެ. މިއީ ރައީސް މުޢިއްޒުގެ ދީނީ މަސައްކަތްޕުޅަށް އިތުރުވި މުހިންމު ބޮޅެއްވެސް މެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
10 މަސް ކުރިން