4 ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް ބިނާކުރުމަށް ބިޑަށް ހުޅުވާލައިފި


29 ޖޫން 2025 - 17:58
ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒުތަކާއި 10 ރަށެއްގައި މިސްކިތް ބިނާކުރުމަށް ލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއި ބިޑަށް ހުޅުވާލައިފިއެވެ.
ލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން މި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ މި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ސަރުކާރުން ނިންމަވާފައިވާ ގޮތުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫ، ށ. ފުނަދޫ، ޅ. ނައިފަރު އަދި ގއ. ވިލިނގިލީގައެވެ. މިތަންތަނުގެ ތެރެއިން އިހަވަންދޫ، ފުނަދޫ އަދި ވިލިނގިލީގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 102،000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. އަދި ނައިފަރުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް 126،000 ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހެއެވެ.
މިސްކިތް ބިނާ ކުރުމަށް ބިޑަށް ހުޅުވާލާފައިވަނީ ރ. މީދޫ، ކ. ގުޅި، އއ. މަތިވެރި، އދ. ފެންފުށި، ފ. ފީއައްޔަ، ދ. ރިނބިދޫ، ގދ. ނަޑެއްލާ، ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ އަދި ގދ. ފަރެސްމާތޮޑާގައެވެ. މި މަޝްރޫއުތައް ފެށުމުގެ ބޭނުމަކީ ރަށްރަށުގެ ދީނީ އުމްރާނީ ތަރައްގީއަށް އިސްކަންދީ، އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައް ބިނާކުރުމެވެ.
މާލީ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއުތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ކަމަށެވެ. މި މަޝްރޫއުތަކަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އަންނަ ޖުލައި މަހުގެ 16 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ. ބިޑް ހުޅުވުން އޮންނާނީ އަންނަ ޖުލައި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށްވެސް މާލީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.