ޣައްޒާ ފަހު ނޭވާގައި: އެއްވެސް ރަޙުމެއްނެތި ޔަހޫދީންގެ ޙަމަލާތައް ވަރުގަދަ ކުރަނީ
30 ޖޫން 2025 - 14:05

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލުމައި ގުޅޭ މަޝްވަރާތައް ޔަހޫދީންނާއި އެމެރިކާއާ ދެމެދު ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތައް އެތައް ގުނައެއް އިތުރުކޮށްފިއެވެ.
ޔަހޫދީންގެ ޓޭންކަރުތައް ވަނީ ޣައްޒާ ސިޓީގެ ޒައިތޫނު އަވަށުގެ އިރުމަތީ ސަރަޙައްދުތަކަށް ވަދެ، އުތުރުގެ ގިނަ ސަރަޙައްދުތަކަކަށް ޙަމަލާދީފައެވެ.
އެ ސަރަޙައްދުތަކުގައި ހުރި ހަތަރު މަދަރުސާއަކަށް ވެސް ބޮން އަޅާފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 38 ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޒައިތޫންގައި ޝަހީދުކޮށްލި 10 މީހުންނާއި ޚާން ޔޫނިސްގައި ޝަހީދުކޮށްލި 13 މީހުން ވެސް ހިމެނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިން ކަމަށް ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ.
ޔަހޫދީންގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު ބުނީ 60 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓާލައި އަސީރުން ބަދަލުކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށެވެ. ޔަހޫދީން އެ ހުށަހެޅުން ބަލައިގަނެފައިވާ ކަަމަށާއި ގޮތް ނިންމާނީ ޙަމާސުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެމެރިކާގެ ހުށަހެޅުމުގެ ދަށުން ޙަމާސުން މިނިވަން ކުރުމަށް ހުށަހަޅާފައި ވަނީ ފަލަސްޠީނުގެ ޤައިދީންގެ ބަދަލުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ދެބައި ކުޅަ އެއްބައެެވެ. ބާކީތިބި އަސީރުން މިނިވަން ކުރާނީ ޢުދުވާން ހުއްޓާލާނެ ކަމުގެ ޔަޤީންކަން ލިބުމުން ކަމަށް އެ ހުށަހެޅުމުގައިވެއެވެ.