logoEN
ޚަބަރު

ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު އެންމެނަށް ހަމަހަމަ ޚިދުމަތެއް ކަށަވަރުވާނެ: ނާޒިމް

މުހައްމަދު މޫސާމުހައްމަދު މޫސާ

30 ޖޫން 2025 - 16:46

ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ލިބޭނެގޮތް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު ނުވަތަ "ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އިފްތިތާޙްކުރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސިޔާސަތާއެކު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ޚިދުމަތްތައް ހަރުދަނާކޮށް، އެންމެނަށް ހަމަހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޙިދުމަތް ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ގަބޫލުކުރާ ޒިންމާ." މިނިސްޓަރ ވިދާޅުވިއެވެ.

ނާޘިމް ވިދާޅުވި ގޮތުގައި މި ސިޔާސަތުގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމާއި، ސިއްޙީ ޙާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބެލެހެއްޓުމަށް މަގުފަހިވާނެއެވެ. އަދި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ވެސް މި ޕޮލިސީ އާއެކު ކުޑަކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންގެ ސިއްޙީ ފަރުވާ ކަށަވަރުކުރެވުމުން މުޅި ޤައުމުގެ ސިއްޙީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގައި ވަޒީފާދޭ ފަރާތްތަކާއި، މިނިސްޓްރީތަކާއި، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން އެހީތެރިވެ ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

"ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްޙަތު ރައްކާތެރިކުރުމާއި އެމީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވުނު ސިޔާސަތެކެވެ. އަދި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ބިދޭސީންގެ އާންމު ސިއްޙަތު ހަރުދަނާކުރުމަށް ވެސް މި ސިޔާސަތު އެހީތެރިވެދޭނެއެވެ.

މިއީ، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް އެކުލަވާލެވުނު މުހިއްމު ސިޔާސަތެއް ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

871x217_placeholder