ދެކުނު އެފްރިކާއަށް ދަތުރުފެށުމަށް މޯލްޑިވިއަން ތައްޔާރުވަނީ، އޭޖެންޓުން ހޯދަން ފުރުސަތު ހުޅުވާލައިފި

30 ޖޫން 2025 - 16:52

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމުގެ ތައްޔާރީތައް ފަށައި މި މަސައްކަތުގެ ތެރެއިން އެ ޤައުމުގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓެއް (ޖީއެސްއޭ) ގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިފިއެވެ.
މޯލްޑިވިއަންއިން ވިދާޅުވީ، އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ ވައިޑް-ބޮޑީ އޭ330-200ގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް ނިންމާފައިވާކަމަށެވެ.
އެހެންވެ، މިކަމަށްޓަކައި ދެކުނު އެފްރިކާގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓެއް ހަމަޖެއްސުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު އެއްކުރެވިފައިވާ އީއޯއައި (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިވަޑައިގެންފައެވެ. މި ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މިއަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ.
ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފައިވަނީ މި ސަރުކާރުން އިސްކަމެއް ދީގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު މި ބޯޓު ރާއްޖެ ގެނެވުމާއެކު، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް އިތުރުވެގެން ދިޔައެވެ. މިއީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.
މިހާރު ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ކުރަމުންދަނީ ޗައިނާގެ 3 މަންޒިލަކަށެވެ. އެއީ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫއެވެ.
މޯލްޑިވިއަންއިން މަސައްކަތް ދަނީ މިއަހަރުގެ ތެރޭގައި އިތުރު ބޯޓެއްގެނެސް ޔޫރަޕާއި އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދެކުނު އެފްރިކާއަށް ދަތުރުފެށުމަކީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްޤީކޮށް، ގުޅުންތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅެކެވެ.