އަޒަރުބައިޖާން އެއަރލައިނުން އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރެވޭ އެއްބަސްވުމެއް
24 ސެޕްޓެމްބަރު 2025 - 09:56
ގައުމީ އެއަރލައިން މޯލްޑިވިއަންއިން އަޒަރުބައިޖާން އެއަރލައިނާއެކު އިންޓަރލައިން ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ad by Hajj Corporation
މި އެއްބަސްވުމުގެ ދަށުން އަޒަރުބައިޖާން އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އަޒަރުބައިޖާން އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ދަތުރުކުރުމުގައި ދިމާވާ ތަކްލީފްތަކަށް ލުއިތަކެއް އަންނާނެކަމަށް މޯލްޑިވިއަންއިން ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅޭގޮތުން އެ ކުންފުނިން ބުނެފައިވާގޮތުގައި މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިތްފަސޭހަ ލުއި ގޮތްތަކެއް ހަމަޖެއްސައިދިނުމެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން އަޒަރުބައިޖާން އެއަރލައިނުން ބުނީ، މިއީ އެ އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ އެއަރލައިނުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އަޒަރބައިޖާން އެއާލައިނުން ފާހަގަކޮށްފައިވެއެވެ.
އަޒަރުބައިޖާން އެއަރލައިންއަކީ އެ ޤައުމުގެ ގައުމީ އެއަރލައިނެވެ. އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މިހާރު އެ އެއަރލައިނުން ދަނީ ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރަމުންނެވެ.
އަޒަރުބައިޖާން އެއާލައިންސް (AZAL) އިން އެކި ބައްރުތަކުގެ 50 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރެ އެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް އެ އެއާލައިނުން 57 މަންޒިލަކާއެކު 28 ގައުމަކަށް 56 ރޫޓެއް އޮޕަރޭޓްކުރަމުން ދެއެވެ.
މި އިންޓަރލައިން އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.


