ރާއްޖޭގައި އެންމެ ފުރަތަމަ ޓްވިން އޮޓަކްލާސިކް 300-ޖީ ތައާރަފްކުރާ އެއާލައިނަށް މޯލްޑިވިއަން
23 ޖުލައި 2026 - 05:07

އެޗްސީ-6 ގެ ދެ ޓްވިން އޮޓަ ކްލަސިކް 300-ޖީ މަތިންދާބޯޓު (ސީޕްލޭން) ގަތުމަށް ލެޓަ އޮފް އިންޓެންޓް (އެލްއޯއައި) ގައި ކެނެޑާގެ ޑީ ހެވިލަންޑް އެއާކްރާފްޓް ލިމިޓެޑާ އެކު ގައުމީ އެއާ ލައިން މޯލްޑިވިއަން އިން ސޮއިކޮށްފި އެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނެއްގައި އެ އެއާލައިންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ޓްވިން އޮޓަކްލާސިކް 300-ޖީ ތައާރަފްކުރާ އެއާލައިނަށް މޯލްޑިވިއަން ވެގެންދާތީ ފަހުރުވެރިވާ ކަމަށެވެ. ދިވެހިރާއްޖެ އަކީ ޓްވިން އޮޓަ މަތިންދާބޯޓު އެންމެ ގިނައިން ބޭނުންކުރާ އެއްގައުމެވެ. އިލްޔާސް ވިދާޅުވީ މި އިންވެސްޓްމަންޓަކީ ޓޫރިސްޓުންގެ ތަޖުރިބާއަށާއި، މޯލްޑިވިއަނުން ހިދުމަތްދޭ ރިސޯޓުތަކަށާއި އަދި މޯލްޑިވިއަންގެ ހިދުމަތަށް ބަރޯސާވާ ރަށްތަކުގެ މުޖުތަމައުތަކަށް ކުރެވޭ މުހިއްމު އިންވެސްޓްމަންޓެއް ކަމަށެވެ.

Ad by Hajj Corporation
އެ އެއާލައިނުން ބުނީ ޓްވިން އޮޓަ މަތިންދާބޯޓަކީ ފާއިތުވި ދިހަވަރަކަށް އަހަރު، މާލެއިން ރިސޯޓުތަކަށާއި އެކި ރަށްރަށަށް ޓޫރިސްޓުން އުފުލައިދީ، ރާއްޖޭގެ ޓޫރިޒަމްގެ މައިބަދައިގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޯޓުތައް ކަމަށާއި ކްލާސިކް 300-ޖީ އާ އެކު، އެއްގަމު ރަންވޭއެއް ނެތް ސަރަހައްދުތަކަށް ޓޫރިސްޓުން އުފުލުމުގައި މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
އިލިޔާސް ވިދާޅުވީ ސީޕްލޭން ދަތުރަކީ ދިވެހިރާއްޖޭގައި ޗުއްޓީގެ ފެށުން ކަމަށާއި ކޮންމެ ދުވަހެއްގެ އޮޕަރޭޝަންތައް ބިނާވެފައިވަނީ މި މަތިންދާބޯޓުގެ މައްޗަށް ކަމަށެވެ. އަދި އެންމެ ފަހުގެ އާ ޖެނެރޭޝަންގެ މި ބޯޓުގެ ސަބަބުން، ޒަމާނީ އާ ޓެކްނޮލޮޖީ އާއި އޮޕަރޭޝަނަލް ކުރިއެރުންތަކުގެ ފައިދާ ލިބިގެންދާއިރު، މޯލްޑިވިއަންގެ ޓޫރިސްޓުންނާއި ރިސޯޓު ބައިވެރިން އުންމީދުކުރާ އިތުބާރުހުރި ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގައި ދެމިތިބޭ ކަމަށް ވެސް އޭނާ ވިދަޅުވި އެވެ.
މޯލްޑިވިއަން އިން މިހާރުވެސް 25 ބޯޓުގެ ފްލީޓެއް އޮޕަރޭޓް ކުރަމުންދާއިރު، އޭގެ ތެރޭގައި 11 ޓްވިން އޮޓާ ބޯޓު ހިމެނެއެވެ. މީގެ އިތުރުން އެއާބަސް A330-200 އާއި A320 ގެ އިތުރުން އޭޓީއާރް އަދި ޑޭޝް 8 މަރުކާގެ ބޯޓުތައް އެ އެއާލައިނުން ބޭނުންކުރެ އެވެ.ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 1,000 އަށްވުރެ ގިނަ ޓްވިން އޮޓަ ބޯޓު އުފައްދާފައިވާއިރު، މިއީ ދުނިޔޭގެ އެންމެ ފުންނާބު އުސް މަލްޓި-ޔޫސް އެއަކްރާފްޓެވެ.
"މީގެ ސަބަބުން އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރުވެ، ބޯޓުގެ ތެރޭގައި ދަތުރުވެރިންނަށް ލިބޭ ހިތްހަމަޖެހުން އިތުރުވެ، އަދި ރައްކާތެރިކަމާ އެކު ދިވެހިރާއްޖެ ގުޅުވާލަދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ. އިލްޔާސް ވިދާޅުވި އެވެ.
ކްލާސިކް 300-ޖީ އަކީ ރާއްޖޭގެ އޮޕަރޭޝަންތަކަށް ބޭނުންވާ ކުރު ރަންވޭތަކުން އުދުއްސާލުމާއި ޖެއްސުމަށް ހާއްސަ ގާބިލްކަމާ އެކު އުފައްދާފައިވާ، އޭވިއޮނިކްސް ޒަމާނީކޮށްފައިވާ ބޯޓެކެވެ. ބޯޓުގެ ބަރުދަން ކުރިއަށްވުރެ ލުއިކޮށްފައި ވުމުން ދަތުރުވެރިންނާއި ލަޖެގް އުފުލުމަށް އިތުރު ޖާގަ ލިބި، މަތިންދާބޯޓު ފްލީޓުގެ އިގްތިސާދީ ފައިދާ ބޮޑުވުމަށް ފުރުސަތު ލިބެ އެވެ.


