ސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިނުން 2000 އަށްވުރެ ގިނަ ދަތުރުކުރަނީ
30 ޖޫން 2026 - 06:42

ކުރިއަށް އޮތް ސްކޫލް ބަންދު ދުވަސްވަރާ ދިމާކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން 2000 އަށްވުރެ ގިނަ ދަތުރު ކުރުމަށް ހަމަޖައްސައިފިއެވެ.
މޯލްޑިވިއަން އިން ބުނިގޮތުގައި 29 ޖޫން 2026 އިން ފެށިގެން ކުރިއަށްދާނެ މި ބަދަލާއެކު، އާންމުކޮށް ކުރާ ދަތުރުތަކުގެ އިތުރުން 320 އަށްވުރެ ގިނަ ފްލައިޓް ވަނީ ޝެޑިއުލަށް އިތުރުކޮށްފައެވެ. މިއީ ޝެޑިއުލް ދަތުރުތަކާ އަޅައިބަލާއިރު 17 އިންސައްތަ އިތުރުކުރުމެކެވެ.

Ad by Hajj Corporation
މި އިތުރުކުރެވުނު ދަތުރުތަކާއެކު ޖުމްލަ 110,000 ސީޓުގެ ޖާގަ ފަސިންޖަރުންނަށް ލިބިގެންދާނެއެވެ. މީގެ ތެރޭގައި އަލަށް އިތުރުކުރެވުނު 18,000 ސީޓު ހިމެނެއެވެ.
ސްކޫލް ބަންދާ ދިމާކޮށް ދަތުރުފަތުރުގެ ޑިމާންޑް ބޮޑުވާތީ، މޯލްޑިވިއަންގެ އެއަރބަސް A320ގެ ބޮޑެތި ބޯޓުތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތަކުގައި މި ބޯޓުތައް ބޭނުންކުރާނެއެވެ. މީގެ ސަބަބުން އެއްފަހަރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާޒް ވިދާޅުވީ، ސްކޫލް ބަންދަކީ އާންމުކޮށް ދަތުރުފަތުރުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ ދުވަސްވަރަކަށް ވާތީ، މި އިތުރުކުރި ދަތުރުތަކުގެ ސަބަބުން ފަސިންޖަރުންނަށް ބޭނުންވާ ލުއިފަސޭހަކަމާއި އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
މިފަދަ ބޮޑެތި ބަންދުތަކާ ދިމާކޮށް ދަތުރުތައް އިތުރުކުރުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިތައް ހޯދައިދިނުމަށް ގައުމީ އެއާލައިނުން އިސްކަން ހާމަކޮށްދޭ ކަމެކެވެ.


