logoEN
ޚަބަރު

24 ގަޑިއިރުގެ ތެރޭގައި 140 އަށް ވުރެ ގިނަ ހަމަލާ ދީފި

އާމިނަތު ސަފާއާމިނަތު ސަފާ

01 ޖުލައި 2025 - 11:13

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް 140 އަށް ވުރެ ގިނަ ވައިގެ ހަމަލާތައް ދީފައިވާކަމަށް ސަހުޔޫނީން ބުނެފިއެވެ.

ސަހުޔޫނީން ބުނެފައިވަނީ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމާސްގެ އަސްކަރީ އަމާޒުތަކަށްކަމަށެވެ. ނަމަވެސް މިއަދު ކުޑަކުދިންތަކަކަށް އަމާޒުކޮށްދިން ހަމަލާއެއްގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނޭގޮތަށް 39 މީހަކު ވަނީ ޝަހީދުވެފައެވެ.

މީގެ އިތުރުން އެހީބަހާ މަރުކަޒުތަކުގެ ކައިރީގައިވެސް ގިނަ އަދަދެއްގެ އާންމުން ދަނީ ޝަހީދުކުރަމުންނެވެ.

ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އެހީގެ ސާމާނު ބަހާ މަރުކަޒުތައް ގާއިމުކޮށް ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން ޖީއެޗްއެފްގެ ނަމުގައި ހިންގާ ކުންފުނިން ދަނީ އެހީގެ ސާމާނު ބަހަމުންނެވެ. ޔަހޫދީންގެ އުދުވާނުގައި ޣައްޒާގެ 56،000އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުވެފައިވާއިރު، މިދިޔަ މެއި މަހުގެ 26ވަނަ ދުވަހު ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފެށިފަހުން 400އަށްވުރެ ގިނަ މީހުން ވަނީ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދުކޮށްލައިފައެވެ.

ޖީއެޗްއެފް އަކީ ޣައްޒާގައި ހައިހޫނުުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.

އދގެ އިދާރާތަކުން ބުނީ، ޣައްޒާގެ ކޮންމެ ފަސް މީހަކުން އެކަކަށް މި ވަގުތު ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ލިބޭނެ ގޮތެއް ނެތް ކަމުގައެވެ. އަދި، ޣައްޒާގެ އާބާދީގެ 100 އިންސައްތަ މީހުން ހައިހޫނު ކަން ތަހައްމަލު ކުރަން މަޖުބޫރު ކުރުވާފައިވާކަމަށްވެސް އދ. އިން މައުލޫމާތުދެއެވެ.

ކޮމެންޓް

871x217_placeholder