މިއީ އިސްރާއީލާއެކު ގުޅުން ޤާއިމު ކުރުމަށް މެދުއިރުމައްޗަށް އޮތް އެންމެ ރަނގަޅު ފުރުޞަތު - ޔަހޫދީންގެ ޚާރިޖީ ވަޒީރު


01 ޖުލައި 2025 - 11:50
12 ދުވަހުގެ ހަނގުރާމައަށް ފަހު އީރާން ބަލިކަށި ކޮށްލެވިއްޖެ ކަމަށާއި، މިއީ ޒަޔަނިސްޓު އިސްރާއީލާ އެކު ޚާރިޖީ ގުޅުން ޤާއިމު ކުރުމަށް މެދުއިރުމަތީގެ ޤައުމުތަކަށް އޮތް އެންމެ ރަނގަޅު ފުރުޞަތު ކަމަށް ޔަހޫދީންގެ ޚާރިޖީ ވަޒީރު ބުނެފިއެވެ.
މެދުއިރުމަތީގެ ބައެއް ޤައުމުތަކުން މިހާރު ވެސް ދަނީ ޔަހޫދީންނާ ގުޅުން ބަދަހި ކުރަމުންނެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ބޮޑެތި ޢަރަބި ޤައުމުތައް ވެސް ހިމެނެއެވެ. ޔަހޫދީންނާ އެކު 2020ވަނަ އަހަރު ސިޔާސީ ގުޅުން ޤާއިމު ކުރި ފުރަތަމަ ޢަރަބި ޤައުމުތަކުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، ބަޙްރަޔިން އަދި މަޣްރިބު ހިމެނެވެ. އޭގެ ކުރިން އުރުދުނާއި މިޞްރުން ވެސް ވަނީ ޔަހޫދީންނާ އެކު ގުޅުން ޤާއިމު ކޮށްފައެވެ.
އުރުދުނާއި ޒަޔަނިސްޓުންނާ ދެމެދު ގުޅުން ޤާއިމު ކޮށްފައި ވަނީ 1994ވަނަ އަހަރުއެވެ. އަދި، މިޞްރުން ޔަހޫދީންނާ ގުޅުން ބަދަހި ކުރަން ފަށާފައި ވަނީ 1979ވަނަ އަހަރުއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ބުނެފައިވަނީ އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ޙަމަލާތަކުގައި ނަޠާންޛާއި ފޫރްދޫގެ އިތުރުން އަޞްފިހާންގައިވާ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމަށެވެ.
ސޫރިޔާއާއި ލުބްނާނާ އެކު ޚާރިޖީ ގުޅުން ޤާއިމު ކުރަން ބޭނުންވާ ކަން ހާމަކޮށް ވާހަކަ ދައްކަމުން ޒަޔަނިސްޓުންގެ ޚާރިޖީ ވަޒީރު ގިޑިޔަން ސާރް ބުނީ، ސޫރިޔާއާ އެކު ގުޅުން ޤާއިމު ކުރުމަށް ބޭނުންވި ނަމަވެސް، ޖޫލާންގެ އުސްބިންތައް އެ ޤައުމަށް ދޫކޮށްލުމަށް އެއްބަސްނުވާނެ ކަމުގައެވެ. ޖޫލާންގެ އުސް ބިންތަކަކީ ޔަހޫދީން ވެރިވެގަނެފައިވާ ސޫރިިޔާގެ ބިމެކެވެ.
ސޫރިޔާގެ ޖޫލާންގެ ބިިންތަކަކަކީ ޒަޔަނިސްޓު ދައުލަތުގެ ބަޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1981ވަނަ އަހަރުއެވެ. އަދި، ސޫރިޔާގެ އެ ބިމަށް ޔަހޫދީން ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލު ކުރާ ގޮތުގައި އެއީ ސޫރިޔާގެ މިލްކެކެވެ. އަދި، މިހާރު ވެސް އެއީ ސޫރިޔާގެ ބިމެކެވެ.
އިތުރު ލިޔުންތައް

ލުބްނާން ޢުދުވާން މެދުކަނޑައިލުމާ ނަތަންޔާހޫ ދެކޮޅު
9 މަސް ކުރިން
އިސްރާއީލުން ސުލްޙަ ބޭނުންވޭ، ހަނގުރާމަ ކުރަނީ އަނިޔާވެރި ދުޝްމަނުންނާ: ނަތަންޔާހޫ
9 މަސް ކުރިން
ނަތަންޔާހޫ ތަގުރީރު ކުރައްވަން ފެއްޓެވުމާއެކު ރާއްޖެއިން މާލަން ދޫކޮށް ނިކުމެއްޖެ
9 މަސް ކުރިން