logoEN
ދުނިޔެ

ފޯނު ކޯލަކާއި ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު ސަސްޕެންޑްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

01 ޖުލައި 2025 - 14:38

ބެންކޮކް، ތައިލެންޑު: ތައިލެންޑުގެ ބޮޑުވަޒީރު ޕޭޓޮންގްޓާން ޗިނަވާތު، އެ ގައުމުގެ ދުސްތޫރީ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަޤާމުގެ ޒިންމާތަކުން ސަސްޕެންޑުކޮށްފިއެވެ.

މިކަން ހިނގީ، ޤާނޫނު ހަދާ މަޖިލީހުގެ 36 މެންބަރަކު އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި އޭނާ ހީލަތްތެރިކަން އިސްކޮށް އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރުމާ ގުޅިގެންނެވެ.

މި މައްސަލަ ފެށިގެން އައީ ޕޭޓޮންގްޓާނާއި ކެމްބޯޑިޔާގެ ކުރީގެ ބޮޑުވަޒީރު ހުން ސެނާއާ ދެމެދު ސަރަޙައްދީ މައްސަލައަކާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ ރެކޯޑިން ލީކުވުމާ ގުޅިގެންނެވެ. އެ ރެކޯޑިންގައި ޕޭޓޮންގްޓާން ތައިލެންޑުގެ އަސްކަރިއްޔާއަށް ފާޑުވިދާޅުވެފައިވާތީ، ތައިލެންޑުގެ ސިޔާސީ މަސްރަޙު ވަނީ އާދަޔާ ޚިލާފަށް ހޫނުވެފައެވެ. މިކަމާ ގުޅިގެން މުޒާހަރާތައް ފެށި، އޭނާގެ ވެރިކަން ކުރާ އިއްތިޙާދުން މައި ޕާޓީއެއް ވަކިވިއެވެ.

މިއީ ޗިނަވާތު ޢާއިލާއާއި ތައިލެންޑުގެ އަސްކަރިއްޔާއާ ދެމެދު ދިގު މުއްދަތެއްގެ ނުތަނަވަސްކަމެއް އޮތް ދަނޑިވަޅެއްގައި ހިނގި ކަމެކެވެ. މީގެ ކުރިން ވެސް މި ކޯޅުންގަނޑާ ގުޅިގެން ދެ ފަހަރެއްގެ މަތިން ބަޣާވާތް ހިންގައި، ޗިނަވާތު ޢާއިލާއާ ގުޅުންހުރި ސަރުކާރުތައް ވަނީ ކޯޓު މެދުވެރިކޮށް ވެސް ވެރިކަމުން ދުރުކޮށްފައެވެ.

ލީކުވި ފޯން ކޯލާ ގުޅިގެން ޕޭޓޮންގްޓާން ވަނީ މަޢާފަށް އެދި، ކޯޓުގެ ނިންމުން ޤަބޫލުކޮށްފައެވެ. ނަމަވެސް، އޭނާ ވަނީ ފޯން ކޯލް ދިފާޢުކޮށް، އެކަމުގެ ހަޤީޤީ މަޤްޞަދަކީ ތައިލެންޑުގެ ސިޔާދަތީ މިނިވަންކަން ދިފާޢުކޮށް ސިފައިންގެ ފުރާނަ ސަލާމަތްކުރުން ކަމަށް ވިދާޅުވެފައެވެ.

އުމުރުން 37 އަހަރުގެ ޕޭޓޮންގްޓާނަކީ ތައިލެންޑުގެ އެންމެ ހަގު ބޮޑުވަޒީރެވެ. އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތުގެ ދަރިކަނބަލުންނެވެ. އޭނާގެ މަޤުބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، އެންމެ ފަހުގެ ސަރވޭތަކުން ދައްކާ ގޮތުގައި އޭނާއަށް ތާއީދު ކުރަނީ އެންމެ %9.2 މީހުންނެވެ.

ކޮމެންޓް

871x217_placeholder