މަސްވެރިކަމުގެ ސިނާއަތް ޖޯކަކަށް ހެދީ އެމްޑީޕީގެ ވެރިކަމުގައި: މެންބަރު ޝުޖާއު

.jpg&w=3840&q=75)
02 ޖުލައި 2025 - 07:04
މަސްވެރިކަމުގެ ސިނާއަތަކީ ޖޯކެއް ނޫން ކަމަށާއި، އެ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތް ޖޯކަކަށް ހެދީ ނިމުނު އެމްޑީޕީގެ ސަރުކާރުގައި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާއު އެފަދައިން ވިދާޅުވީ ސަރުކާރު މަސް ކުންފުނި، މިފްކޯ މެދުވެރިކޮށް ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތް ނުވާ ކަމަށް ބުނާ ކުއްލި މައްސަލައެއް، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު މިއަދު ހުށަހެޅުއްވުމާ ގުޅިގެން، އެ މައްސަލައިގައި ބަހުސް ކުރަމުންނެވެ.
ޕީއެންސީގެ ޕީޖީގެ ނައިބުކަން ވެސް ކުރައްވާ ޝުޖާއު ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވި ހަމައެކަނި ރައީސަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަން އެ ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ޝުޖާއު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަދި މަސްވެރިންގެ ސިނާއަތް ޖޯކަކަށް ހެދީ މި ސަރުކާރަކުން ނޫން ކަމަށާއި، މަސްވެރިންނަކީ ޖޯކަރުން ކަމަށް ދެކެވަޑައިގެން މަސްވެރިންނަށް ޖޯކު ޖެހީ ނިމުނު އެމްޑީޕީގެ ވެރިކަމުގައި ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ޖޯކަކަށް ނުހަދަން މަސްވެރި ސިނާއަތް ޖޯކަކަށް ހެދީ އެމްޑީޕީގެ ވެރިކަމުގައި. މަސްވެރިންނަށް 100 މޭލު ބޭރުގައި ޕްލެޓްފޯމު ހަދައި، ބޮޑު ކަންނެލި ކިރޭނެ ގޮތުގެ ވައުދު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވީ އެމްޑީޕީގެ މެނިފެސްޓޯގައި 2018 ގައި ވިދާޅުވި. އަދި އެހެންމެ އެ ޕްލެޓްފޯމުގައި މަސާޖު ޕާލާއި، ސައި ހޮޓަލާއި ބޮވޭނެ ގޮތާއި، ބޯން ޖެހޭނެ ކަމަށް ވައުދުވެވަޑައިގެންނެވީ އެމްޑީޕީގެ މަސްވެރި ސިނާއަތުގައި އޮތް މެނިފެސްޓޯގެ ތެރޭގައި. އަޅުގަނޑުމެންނެއް ނޫން މަސްވެރިން ޖޯކަރުންނަށް ހެދީ. މަސްވެރިން ޖޯކަރުން ކަމަށް ދެކެވަޑައިގެން މަސްވެރިންނަށް ޖޯކު ޖެއްސެވީ އެމްޑީޕީގެ ވެރިކަމުގައި، - ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތަށް އަދި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ބޮޑު ކަންނެލި ޕްރޮސެސް ކުރާ ކާރުޚާނާގެ މަސައްކަތް، އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ހުޅުމާލޭގައި މިހާރު ވެސް ކުރިޔަށްދާ ކަމަށާއި، އެ ކާރުޚާނާ ހެދުމަށް ބޭނުންވާ ބިން ވެސް މިހާރު ކަނޑައެޅިފައިވާ ކަމަށެވެ.
އަދި މަސްވެރިންނަށް އެކި ކަންކަމުގައި ދިމާވާ ކިޔޫއަކީ ވެސް އަލަށް ދިމާވި ކަމެއް ނޫން ކަމަށާއި، އެ ކިޔޫތައް ކުޑަކުރުމުގެ މަސައްކަތް ކުރަނީ ވެސް މި ސަރުކާރުން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
މިއީ އަލަށް އައި ކިއޫއެއް ނޫނޭ. މި ކިއު ކުޑަކުރެވޭތޯ މި ސަރުކާރުންނޭ މަސައްކަތްކުރަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނޭ މަސައްކަތްކުރަމުން ގެންދަނީ. މިހާރަކު ނޯންނާނެ، ދިވެހި ކަނޑު މަސްވެރިކަން ކުރާ މީހުންގެ ކިއޫތަކެއް ނޯންނާނެ، - ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
މެންބަރު ޝުޖާއު އެފަދައިން ވިދާޅުވިއިރު، މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނީ، މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކުރުމާއި ބޮޑު ކަންނެލި މަސްވެރިންނަށް، މިފްކޯގެ ހިއްސާ ލިބޭގޮތް ހެދުމާއި ބޮޑުކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާގެ ދެމެދުގައި ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
މާލޭގެ ހާބަރަށް ބޮޑު ކަންނެލީގެ މަސްތަކެއް އަރުވަނީ -- ފޮޓޯ: މިހާރު
އެކަމަށް އިޝާރަތްކުރަމުން އެ މައްސަލައިގައި ވަނީ، ބޮޑު ކަންނެލި މަސްވެރިން ބާނާ ކަންނެލި ކިރޭނެ ގޮތެއް ނެތުމާއި، ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން ވެސް ލަސްވެފައިވާ ކަމަށް ބުނެ، މަސްވެރިންގެ ފަރާތުން ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިވަގުތު ވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑު ކަންނެލި ދޯނިތަކުގައި ނުކިރި ހުރި ކަމަށާއި، މި ކަންނެލިތައް ހަލާކުވުމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އެކަންކަން ހައްލުކުރުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަަށް ކަމަށް ވެސް އެ މައްސަލައިގައި ވެއެވެ.
އިތުރު ލިޔުންތައް

މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު
އަހަރެއް ކުރިން
ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މަސް ބަންދުކުރާ ފެސިލިޓީއެއް
އަހަރެއް ކުރިން
ބިލިއަނެއްހާ ރުފިޔާގެ މަންފާއެއް ލޭނު މަސްވެރިކަމުން ރާއްޖެއަށް ލިބޭނެ: މިނިސްޓަރ ޝިޔާމް
10 މަސް ކުރިން