logoEN
ޚަބަރު

ދަތުރުފުޅާއެކު ސިންގަޕޫރާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ: ރައީސް

އާމިނަތު ސަފާއާމިނަތު ސަފާ

02 ޖުލައި 2025 - 13:28

ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަން ޔަގީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ ދެމަފިރިކަނބަލުންނަށާއި ސަރުކާރުގެ ވަފްދަށް ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އާއި އެޤައުމުގެ ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށާއި މެހެމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ބަދަހި ގުޅުމެއް ދެ ޤައުމު ދެމެދު ޤާއިމްވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރަށްވުރެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން އެ މަނިކުފާނު މަޝްވަރާ ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސްއާ ބައްދަލުކުރައްވާފައިވާއިރު މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުމުގެ މައްޗަށް ނަޒަރު ހިންގަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމް ފާޅުކުރައްވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގާތް ގުޅުން ފާހަގަކުރައްވައި، ތަމްރީނާއި ތަޢުލީމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަދި ޢުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކުން ދެ ޤައުމަށް ފައިދާހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގެ އިތުރުން ތަފާތު ދާއިރާތަކުން އިޤުތިޞާދު، ފުޅާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވަނީ 3 އެެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެ ފަހުމުނާމާތަކަކީ:

  • ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ވެވޭ ފަހުމުނާމާ
  • ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ވެވޭ ފަހުމުނާމާ
  • މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ވެވޭ ފަހުމުނާމާ

މީގެ އިތުރުން ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި އެމަނިކުފާނު ވަނީ ބައިވެރިވަޑައިގެންފައެވެ.

މި ފޯރަމްގެ ތެރެއިން ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ކޮންސަލްޓެންސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ސިންގަޕޯރ ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.

.‎މީގެއިތުރުން، މި ފޯރަމްގެ ތެރެއިން އިތުރު 2 އެގްރިމެންޓެއްގައި ސޮއިކުރައްވާފައިވެއެވެ

‎އެ ގޮތުން ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއްގައި ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު ވަނީ ސޮއިކުރެވިފައެވެ. މި ޕްރޮގްރާމަކީ އިންވެސްޓް ކުރުމުން ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފުރުޞަތު ލިބޭ ޕްރޮގްރާމެކެވެ. ހެންލީ އެންޑް ޕާޓްނާރސްއަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފާމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެއެވެ.

‎މީގެ އިތުރުން، ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޤާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިންގ ސޯލާ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގެ މޫސުމާގުޅޭ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން 2028 ވަނަ އަހަރާއި ހަމައަށް ދިވެހިރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ނިސްބަތުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމުގެ މަސައްކަތަށްވެސް މި މަޝްރޫޢުގެ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

ކޮމެންޓް

871x217_placeholder