މަހުޒޫމާއި ޝިމަންގެ މައްޗަށް ދައުވާކޮށްފި


03 ޖުލައި 2025 - 13:05
މިދިޔަ އޭޕްރިލް މަހު ހެންވޭރު ގެޔެއްގެ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ޒުވާނުން ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާ ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ނ. ކުޑަފަރި، ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދުއާއި، މ. ހަަސްތީ، ޢާއިޝަތު ޝިމަން އަޙްމަދު، 1 މޭ 2025 ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މަޖީދީމަގަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންނަށް ހަމާލާދީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ކުރުމަށް 25 ޖޫން ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މަޙުޒޫމުގެ މައްޗަށް ކޮށްފައިވާ ދަޢުވާއާއި އަންނާނެ އަދަބު:
ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ކުރުމުގެ ދައުވާ.
މި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް.
ޝިމަންގެ މައްޗަށް ކޮށްފައިވާ ދަޢުވާއާއި އަންނާނެ އަދަބު:
ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުންފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ.
މިކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަސް.
ޕީޖީ އޮފީހުން ބުނެފައިވަނީ އެ ދެމީހުންނަށް ވެސް ދައުލަތުގެ ފަރާތުން ނަސޭހަތުގެ އެއްބަސްވުން ހުށަހެޅި ނަމަވެސް އެކަމަށް އިންކާރު ކޮށްފައިވާ ކަމަށެވެ.