އާދަޔާ ޚިލާފަށް ހޫނުގަދަވެ ވިލާތުގެ ބައެއް ޤައުމުތަކަށް ބޮޑު ނުރައްކަލެއް


03 ޖުލައި 2025 - 15:33
ވިލާތުގެ ބައެއް ޤައުމުތަކުގައި އާދަޔާ ޚިލާފަށް މައްޗަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން އަށް މީހުން މަރުވެއްޖެއެވެ.
އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން ފަރަންސޭސިވިލާތުން ވެސް ދެ މީހަކު މަރުވެފައިވާ ކަމަށް އެ ޤައުމުން ވަނީ ރިޕޯޓު ކޮށްފައެވެ. މިއީ، 2003ވަނަ އަހަރަށް ފަހު އެ ޤައުމަށް ކުރިމަތިވި އެންމެ ހޫނުގަދަ ޖޫން މަސް ކަން ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރިއެވެ.
އެ ޤައުމުގެ ހަކަތައާ ބެހޭ އިދާރާއިން ބުނީ، ހޫނުގަދަވުމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިވެ، 300 މީހަކު ހަސްފަތާލުތަކުގައި އެޑްމިޓު ކޮށްގެން ފަރުވާދެމުންދާ ކަމުގައެވެ.
ހޫނުމޫސުމާ އެކު ވިލާތުގެ ބައެއް ޤައުމުތަކުގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމާ ގުޅިގެން ޢާންމު ޞިއްޙަތަށް ނުރައްކާވާނެ ކަމުގެ އިންޒާރު ކޮށްފައިވާއިރު، ޖަންގަލިތަކުގައި ރޯވެދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ. ހޫނުގަދަވުމާ ގުޅިގެން ސްވިޓްޒަލެންޑްގައި ހުރި ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒެއް ބަންދު ކުރުމަށް ވަނީ މަޖުބޫރުވެފައެވެ.ސްޕެއިންގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ، އެ ޤައުމުގެ ކަތަލޫންޏާ ސަރަޙައްދުގައި ދިރިއުޅޭ 14,000 އާ ރައްޔިތުންނަށް މަގުތަކަށް ނިކުމެ އުޅުން މަނާކޮށްފައެވެ. އެއީ، ލެރީދާގައިވާ ޖަންގަލިތަކުގެ ދެ ސަރަޙައްދެއްގައި ބިޔަ އަލިފާންގަނޑުތަކެއް ރޯވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން ކޯސްކޯގައި ރޯވި އަލިފާންގަނޑު ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި، ދެ މީހަކު މަރުވިއެވެ. .ހޫނުގަދަވުމާ ގުޅިގެން ފަރަންސޭވިލާތުގެ އިތުރުން ޖަރުމަނުވިލާތާއި އިޓަލީވިލާތުގައި ނުރައްކާތެރި ތޫފާންތަކެއް އުފެދެމުންދާ ކަމުގައި ވެސް މޫސުމާ ބެހޭ އިދާރާތަކުން އިންޒާރު ކުރިއެވެ. އަދި، ވިލާތުގެ ޤައުމުތަކުގައި 10 ޑިގްރީ ސެލްސިއެސުން ފިނިހޫނުމިން އުފުލެން ފަށާފައިވާ ކަމުގައެވެ.