logoEN
ޚަބަރު

ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ކުދިންގެ އަދަދު އަންނަ ރަމަޟާންމަހު ދެގުނަ އިތުރުވާނެ: ވަޒީރު ޝަހީމް

އާމިނަތު ސަފާއާމިނަތު ސަފާ

04 ޖުލައި 2025 - 05:55

ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ކުދިންގެ އަދަދު އަންނަ ރަމަޟާންމަހު ދެގުނަ އިތުރުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.ވަޒީރު ވިދާޅުވީ، މިއަންނަ ރަމަޟާން މަހުގެ 27 ވިލޭރޭގައި ގިނަ އަދަދެއްގެ ޙާފިޒުން ދަސްވެނިވާނެކަމަށެވެ. އަދި މިފަހަރު ދަސްވެނިވާނެ ޙާފިޒުންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދެގުނައަށް އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ހަފްތާގައި ވެސް ރާއްޖޭގެ 3 ސަރަހައްދެއްގައި ހާފިޒުންގެ އިމްތިހާނުތައް ކުރިއަށްދާކަން ވަޒީރު ވަނީ ގާހަގަކުރައްވާފައެވެ.

ޙާފިޡުންނަށް ދޭ އިނާޔަތް މި މަހު 1 އިން ފެށިގެން 2 ގުނައަށް ވަނީ ބޮޑުކޮށްފައެވެ. މިއާއެކު މިހާރު ޙާފިޒުންނަށް މަހަކު ދެމުން އަންނަ 2000 ރުފިޔާގެ އިނާއަތް 4000އަށް ވަނީ ބޮޑުވެފައެވެ.

ޙާފިޡުންނަށް ދޭ އިނާޔަތް ބޮޑުކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ޙާފިޡުން ތަމްރީންކުރުމާއި ޙާފިޡުންނަށް ދޭ އަހައްމިޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމުކަމެއްކަމަށެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކީރިތި ޤުރުއާނުގެ ދާއިރާއަށް އަންނަނީ ޚާއްސަ އަހައްމިޔަތުކަމެއް ދެއްވަމުންނެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާއެއް ބާއްވަވާފައިވާއިރު، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު މަތިކޮށް، އަގުހުރި އިނާމުތަކެއް ދޭ މުބާރާތަކަށް ހައްދަވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިވަގުތު ރާއްޖޭގައި 266 ހާފިޒުން އެބަތިއްބެވެ. ހަމަމިއާއެކު، ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި މިވަގުތު 1434 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 783 އަންހެނުން އަދި 651 ފިރިހެނުންނެވެ.

ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ޙާފިޘުކަމުގެ ސަނަދު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.ޙާފިޘުކަމުގެ ސަނަދު ލެވެލް 4ގެ ސަނަދެއްގެ ގޮތުގައި ބަލައިގަތުމަށް 2 ޝަރުތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލޯވަރ ސެކަންޑަރީ ސެޓްފިކެޓް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް 3ގެ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވާންޖެހެއެވެ. އަދި 18 އަހަރު ފުރިހަމަވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް ލެވެލް 3ގެ ކޮލިފިކޭޝަނެއް ހާސިލުކުރަންޖެއެވެ.

މީގެ އިތުރުން ރަށްރަށުގައި ތިބެގެން ޤުރުއާން ހިތު ދަސްކޮށް، މުރާޖައާކުރުމަށްފަހު ހަމައެކަނި އިމްތިހާން ހެދުމަށް މާލެ އަންނަ ގޮތަށްވެސް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.

ކޮމެންޓް

871x217_placeholder