ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލައިފި


04 ޖުލައި 2025 - 06:58
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުރި ޕޯސްޓެއްގައި ވަނީ އާ ޓާމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ނަމާއެކު ދިއްލާލާފައިވާ ފޮޓޯތައްވެސް ހިއްސާކޮށްފައެވެ.
އެއަރޕޯޓުގެ އާ ޓަރމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނައިރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިވަގުތު ކުރިއަށްގެންދަނީ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހު ތައްޔާރީތަކެވެ. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމާއި، ޓާމިނަލްގައި ބޭނުންކުރާނެ އާލާތްތަކާއި ސިސްޓަމްތައް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.
78،000 އަކަމީޓަރުގެ ބޮޑުމިނުގައި ބިނާކުރެވިފައިވާ މި ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ޒަމާނީ ޓާމިނަލެކެވެ. މިއީ މިހާރު ބޭނުންކުރަމުންދާ ޓާމިނަލަށްވުރެ އެތައް ގުނައެއް ބޮޑު، ފެންވަރު ރަނގަޅު ޓާމިނަލެކެވެ.
އާ ޓާމިނަލްގައި ހިމެނޭނީ 6 އެއިރޯ ބްރިޖް، 47 ޗެކްއިން ކައުންޓަރު، ސެލްފް ސާވިސް ކިއޮސްކްތައް، އޮޓޯމެޓިކް ބެގޭޖް ހެންޑްލިން ސިސްޓަމް އަދި އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް ޓާމިނަލްގައި ގާއިމުކުރެވޭނެއެވެ. އައު ޓާމިނަލާއެކު އިތުރު 2000 އެއްހައި ވަޒީފާ އުފެދޭނެކަމަށްވެސް އެމްއޭސީއެލްއިން ލަފާކުރެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މި މަޝްރޫއުގެ މަސައްކަތުގެ ދުވެލި މަޑުޖެހި ރައީސް ޑރ. މުއިއްޒު ވެރިކަމަށް އައިއިރު ނިމިފައިވަނީ މަޝްރޫއުގެ 54 އިންސައްތައެވެ.
މަޝްރޫއު ނިންމުމަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރާއި، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 80 މިލިއަން ޑޮލަރު ލިބިފައިވާއިރު މި ދެ ފަންޑުން ޖުމްލަ 180 މިލިއަން ޑޮލަރު، ނުވަތަ 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އާ ޓާމިނަލާއެކު 7.5 މިލިޔަން ފަތުރުވެރިންނަށް އަހަރަކު ޚިދުމަތް ދިނުމުގެ ގާބިލްކަން ހުންނާނެއެވެ. ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލާއެކު އަހަރުން އަހަރަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެއެވެ. އެއާއެކު ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
އިތުރު ލިޔުންތައް

ސަރުކާރުގެ ގިނަ ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކެބިނެޓުން ނިންމައިފި
10 މަސް ކުރިން
12 ފަޔަރ ފައިޓަރުން ތަމްރީންކޮށްފި
9 މަސް ކުރިން
އެމްއޭސީއެލްއިން މިއަހަރުގެ ފިނި މޫސުމަށް ތައްޔާރުވަނީ
9 މަސް ކުރިން