logoEN
ރިޕޯޓް

''ތިމާމެންވި އިހްމާލު ގަރާރަކުން ނުފޮރުވޭނެ''

މުހައްމަދު މޫސާމުހައްމަދު މޫސާ

04 ޖުލައި 2025 - 09:31

ޤައުމެއްގެ ހަޔާތުން ދެ ދައުރެއްގައި ވެރިކަމަށް އައިސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެއީ އެކަށޭނަ މުއްދަތެކެވެ. އެ ފުރުސަތު އިދިކޮޅު އެމްޑީޕީ އަށް ރައްޔިތުން ދެފަހަރަކު ދީފިއެވެ. 11 ނޮވެމްބަރު 2008 ވަނަ އަހަރު ލިބުނު ފުރަތަމަ ދައުރުގެ 7 ފެބްރުއަރީ 2012 ގައި ވެރިކަން ކުރަން ނޭނގިގެން އަތުން ދޫވުން އެއީ ރައްޔިތުންގެ މައްސަލައެއްނޫނެވެ. ދެވަނަ ފުރުސަތެއް އެމްޑީޕީއަށް ރައްޔިތުން ދިނީ 17 ނޮވެމްބަރު 2018 އިން 17 ނޮވެމްބަރު 2023 ގައެވެ. މި ދެ ދައުރުގައި ވެސް އެމްޑީޕީއަށް މަޖިލިސް ތެރެއިން ކަންކަން ކުރުމުގެ ފުރުސަތު ވެސް އޮތީ ތަންމިނަށް ހުޅުވިފައެވެ. ޚާއްޞަކޮށް ނިމުނު ސަރުކާރުގެ އޮތް ސުޕަރ މެޖޯރިޓީގެ ބޭނުންކޮށްގެން ރައްޔިތުންނަށް ލައްކަ ކަންކަން ކޮށްދިނުމަށް ފުރުސަތު ލިބުނެވެ. އެހެންނަމަވެސް މިއަދު މި ފެންނަ މަންޒަރަކީ ފުރުސަތު ލިބުމުން ރައްޔިތުންގެ މައްޗަށް އިހުމާލުވެ އެ އިހްމާލަށް ފަސްއަޅައި ފޮރުވައި މުޅިން އެހެން މަންޒަރެއް ދައްކަން އުޅޭތަނެވެ. މިވާހަަކަ ތިލަކޮށްލަންޖެހުނު މައިގަނޑު ސަބަބަކީ އެޔެވެ.

އެމްޑީޕީގެ އިހްމާލް އޮތީ ރާއްޖޭގެ ހުރިހާ ސިނާއަތަކަށާއި، ޖުމްލަ ރައްޔިތުންގެ މައްޗަށެވެ. ނަމަވެސް މިއަދު އެމްޑީޕީން ކުރާކަމަކީ މަޖިލިސްގައި ތިބި މަދު މެމްބަރުންކޮޅު ބޭނުންކޮށްގެން އިހްމާލު ފޮރުވަން ގަރާރުވައްދައި، މިއަދުގެ ސަރުކާރުގެ ބޮލުގައި އެމްޑީޕީން ނުކޮށްދިން ކަންކަން އަޅުވަން އުޅުމެވެ.

އޭގެ އެތައް ގަރާރެއް ފެނިއްޖެއެވެ. ބައެއް ގަރާރުތަކަށް ސަރުކާރުގެ މެމްބަރުން ފުރުސަތުދެނީ ކެރިގެން ޖަވާބުދާރީވެ، ހަގީގަތް ހާމަކޮށްދިނުމަށެވެ. އެއިގެ އެއް ގަރާރަކީ މިދިޔަ ބުދަދުވަހު އޮތް 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ދެވަަނަ ދައުރެއްގައި ވައިކަރަދޫ ދާއިރާގެ ގޮނޑި ތަމްސީލްކުރަމުން އަންނަ އެމްޑީޕީގެ ހުސައިން ޒިޔާދު ހުށަހެޅި ގަރާރެވެ. އެއީ ކަންނެލި ނުކިރިގެން ކަމަށް ބުނެ ހުށަހެޅި ގަރާރެކެވެ. ކަންނެލި މަސްވެރިންނަށް ހައްގު ހޯދައިދިނުމަށް ކަމަށް ބުނެ ހުށަހެޅި ގަރާރެކެވެ. ގޭދޮށު މަސް ފެކްޓްރީތައް ހަދައި ގޭ ބޮޑާށިދަށުގައި ހިންގި އެމްޑީޕީން ހުށަހެޅި މި ގަރާރާއި ގުޅިގެން ވެރިކަން ކުރާ ޕީއެންސީ މެމްބަރުން ހަގީގަތް ހާމަކޮށްދިނެވެ. ތަޅުމުގައި އެމްޑީޕީގެ އިހްމާލު ފަތިފައްޗަށް އަމުނާލިއެވެ. އެމްޑީޕީއަށް ގަރާރަކުން އިހްމާލު ނުފޮރުވޭނެކަން ބުނެދިން މަންޒަރު ފެނުނެވެ.

މިގޮތުން ފުރަތަމަ ރައްދުދެއްވި މެމްބަރަކީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ) އެވެ. އައި ބީގެ ވާހަކާގައި ''ހިނދު'' ބޭނުންކުރަށްވައި އެމްޑީޕީގެ އިހްމާލްތަކާއި ހަޑިޖުތުރު އަމަލުތައް ހަނދާންކޮށްދެއްވިއެވެ.

''ކުއްލިއަކަށް ބޮޑުކަންނެލީގެ މައްސަލައަށް ޙައްލުހޯ ދުމަށް ޓަކައި ކުއްލި މައްސަލައެއް ހުށަހެޅުނު ހިނދު، މީގެ ކުރިން އެތައް ފަހަރެއްގެ މަތީން ބޮޑުކަންނެއްޔާއި، ކުޑަކަންނެއްޔާއި އަދި ކަޅުބިލަމަސް ކޯޓުތަކަށް ގޮސް އަޅަ އިލި ހިނދު، އައްޑޫ ސިޓީގެ އެކި ރަށްރަށުގެ ފަޅުތެރެއަށް އެ މަސްތައް އަޅައިލި ހިނދު، މަސްވެރިންނަށް ބޭނުންވާ ފައިސާ ޑޮލަރުން ދިން ހިނދު، އެ ނުލިބުނު ހިނދު، މި ގަރާރުތައް މިހެން އަންނަ ހިނދު، އެމް.ޑީ.ޕީން މި ދިޔަ ސަރުކާރުގެޔާއި އޭގެ ކުރީ ސަރުކާރު ވިދިވިދިގެން ދެ ދައުރުގައި މިތާނގައި އަތްޖަހައިލަން ތިބި ހިނދު، މަސްވެރިންނާއި ބޮޑުކަންނެލީގެ މަސްވެރިން މި ވާހަކަދައްކާ ހިނދު މި ކަމަކަށް ހައްލެއް ނައިސް މިހާތަނަށް އައިހިނދު، މިއަދު މި ކުއްލި މައްސަލަ މި ތަނަށް ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޙުސައިން ޒިޔާދު ހުށަހެޅުއްވި ހިނދު، އަޖައިބެއް ކަހަލަ ކަމެއް މި ބޭފުޅުންނަށް މިކަން ނޭނގި ތިބި ހިނދު، އަޅުގަނޑުމެންނާ ހަމައަށް އައިސްގެން މި ސަރުކާރުން މިހާރު މަސްވެރިންނަށް ގަވާއިދުން ލާރި ދީދީ ތިބި ހިނދު، 24 ގަޑިއިރު ނުވަނީސް މަސްވެރިންނަށް ފައިސާ ދޭ ހިނދު، މިކަހަލަ ކުއްލި މައްސަލަ މި ތަނަށް ވައްދާތީ އަޅުގަނޑު ހަމަ ހައިރާންވާ ހިނދު'' އައިބީގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވެފަވެއެވެ.

އައިބީ ވަނީ އެމްޑީޕީ ވެރިކަމުގައިވީ އިހްމާލާއި މި ސަރުކާރުން މިވީ މަދު ދުވަސްކޮޅު ތެރޭގައި މަސްވެރިންނަށް ދިން ލުއިފަސޭހަކަން ހަނދާންކޮށްދެއްވާފައެވެ. އެމްޑީޕީގެ ސަރުކާރުގައި ދޯނިތައް މަސް ނުކިރި ދިގު ކިޔުތައް ހަދައި އެތައް ދުވަހަކު ތިބެންޖެހުނުކަމާއި، މަސްގަންނަ ކެޕޭސިޓީ ބޮޑުނުކޮށް، ކާރުޚާނާއެއް ވެސް އަޅަން އުޅެފައިނުވާކަމަށް އައިބީ ވަނީ ވިދާޅުފައެވެ.

''ރަޔިތުންނަށް އެނގެން އެބަޖެހޭ މި ސަރުކާރުން މަސްވެރިންނަށް ރަނގަޅު ކަންތައްތައް ކޮށްދެއްވާކަން. މިއަދު އަޅުގަނޑު ދިވެހިރާއްޖޭގެ ލޮބުވެތި މަސްވެރިންނަށް ދަންނަވައިލަން ބޭނުންވަނީ، ތިޔަ ބޭފުޅުން ބާނާ ބޮޑުކަންނެލި ވެސް އަދި ކުދި ކަންނެލި ވެސް އަދި ކަޅުބިލަމަސް ވެސް އޭގެ އެންމެ ރަނގަޅުގޮތުގައި މިހާތަނަށް ބޯޓުފަހަރަށް ކިރުމަށް ވެސް އަދި މަސް ރައްކާކުރާ ކާރުޚާނާތަކަށް ވީ ނަމަވެސް އަދި އޭގެ ރަނގަޅު އަގު ދިނުމުގައި ވެސް އެންމެ ކުރީގައ،ި އެންމެ ރަނގަޅަށް ކުރިއަރައިގެން ގޮސްފައިވާ ސަރުކާރަކީ މި ސަރުކާރު، މި ސަރުކާރަށް ފުރުޞަތު ދެއްވާށޭ ހުރިހާ މަސްވެރިން ވެސް، މި ބޭފުޅުންގެ ދަލުގައި ނުޖެހި އަޅުގަނޑުމެންނާ އެއްކޮށް ތިއްބަވާށޭ، އިރާދަކުރެއްވިއްޔާ މި ސަރުކާރުން މަސްވެރިންނަށް ހައްގު އުޖޫރަ ދީ، މަސްވެރިންގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓާނެ'' އައިބީ ވިދާޅުވެފަވެއެވެ.

މިމައުލޫއަށް ވާހަކަ ދައްކަވަމުން ޕީއެންސީގެ އެއް ނައިބުރައީސް އަދި އެއް ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާޙީމް ޝުޖާޢު ވިދާޅުވީ، ބޮޮޑުކަންނެލި މަސްވެރިންގެ ޝަކުވާ މި ވީހާތަނަށް އަޑުއެއްސެވި ރައީސަ ކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށެވެ.

''އެކަން ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މަޢުރޫފް ޛާކިރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އެއީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވ،ި ބޭއްވެވި ހުރިހާ ބައްދަލުވުންތަކެއްގައި ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އެ ޔޫނިއަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި، އެ ބައިވެރިވެވަޑައިގަތުމަށްފަހު އިނގޭތޯ މަސްވެރިންގެ ، ޚާއްސަކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެދުމުގެ މަތިން ސަރުކާރުން ލޭނު އެޅުމުގެ ސިޔާސަތު ދުރުވީ، މިއީ ބޮޑުކަންނެލި މަސްވެރިކަމުގައި އުޅޭ މަސްވެރިންގެ ޝަކުވާއެއްގެ ގޮތުގައި އަޑުއްސަވަ އި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމުމެއް، އެހެންވީމާ މިއީ ކަންފަތް ބީރ،ު ލޯކަނު ސަރުކާރެއްގެ ގޮތަށް ދެއްކުމަށް ޓަކައި މަސައްކަތްކުރުމަކީ އެއީ ވަރަށް ހިތާމަހުރި ކަމެއް'' ޝުޖާޢު ވިދާޅުވެފަވެއެވެ.

ޝުޖާޢު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ޖޯކަކަށް ހެދީ އެމްޑ.ީޕީގެ ވެރިކަމުގައިކަމަށާއި، މަސްވެރިންނަށް 100 މޭލު ބޭރުގައި ޕްލެޓްފޯމު ހަދައ،ި ބޮޑުކަންނެލި ކިރޭނެ ގޮތުގެ ވަޢުދު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވ،ީ އެމްޑ.ީޕީގެ މެނިފެސްޓޯ 2018ގައި ކަމަށެވެ. އަދި ހަމަ އެހެންމެ އެ ޕްލެޓްފޯމުގައި މަސާޖުޕާލާއާއި ސައި ހޮޓަލާއ،ި ބޮވޭނެ ގޮތާއި، ބޮވެންޖެހޭނެ ކަމަށް ވަޢުދުވީ އެމްޑ.ީޕީގެ މަސްވެރި ސިނާއަތުގައި އޮތް މެނިފެސްޓޯ ތެރޭގައިކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި އަދި އެންމެ ފަހުން އެ މަނިކުފާނު މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ހުޅުމާލޭގައި މަސްވެރިންނަށް ޚާއްސަ ކޮށް ބޮޑުކަންނެލި އެކްސްޕޯޓުކުރާ ބޭފުޅުންނަށް ޕެކިންގ ހެދުމަށް ޓަކައި ބިން ކަނޑައެ ޅި އޭގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ.

މި މައުލޫއަށް ޕީއެންސީގެ ޕީޖީލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ދެއްކެވި ވާހަކާގައި ވިދާޅުވީ، މި މައްސަލަ އަކީ އެމްޑީޕީގެ ވެރިކަމުގައި ބޮޑުވާ މައްސަލައެއްކަމަށާއި، ޕީއެންސީއަށް ވެރިކަން ލިބުމުން މި މައްސަލަ ކުޑަވެ ޙައްލުވާނެކަމަށެވެ.

''ބައްލަވާ! މި ބޭފުޅުން މި ކުއްލި މައްސަލަ ހުށަހެޅިއިރުގައި މައްސަލައިގެ ޙަޤީޤަތް މި މައްސަލައިގައި ހާމަކޮށްފައި އޮތް ނަމަ ވަރަށް ތަފުސީލުކޮށް ރައްޔިތުންނަށް މި ކަންކަން އެނގުނީސް، މި ސަރުކާރު، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެ ވިއިރުގައި މަސްވެރި ޢާއިލާތަކަށް އެމް.ޑ.ީޕީން ނުދީ އޮތް 250 މިލިއަން ރުފިޔާ، 250 މިލިއަން ރުފިޔާ އިނގޭތޯ. އެ ފައިސާ މި ސަރުކާރުން އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސްވެރި ޢާއިލާތަކަށް ދީ އެއްކޮށް ޚަލާސްކޮށް ނިންމީ، މިއީ މަސްވެރި ޢާއިލާތަކުން މިއަދު މުޒާހަރާކުރުމާއި ހަޅުތާލުކުރުމާ، މި ކަންކަން ނުކޮށް ރީއްޗަށް ބަސްއަހައިގެން ތިބި ސަބަބު'' ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ މަސްވެރިންނާމެދު އެހާ އިހްމާލްވިބަޔަކަށް ކުއްލި މައްސަލައެއް ހުށަހަޅަން ކެރުމުން އަޖައިބުވެ އަންތަރީސްވެވަޑައިގަންނަވާ ކަމަށެވެ.

މި މެމްބަރުންގެ ވާހަކަތަކުން ވެސް އެމްޑީޕީއަށް ގަރާރަކުން ހަގީގަތް އޮޅުވައި ނުލެވޭނެކަން އިނގެއެވެ. އެކަން ސާބިތުކުރުމަށް އަންނަނިވި ކަންކަން އަލުން ހަނދުމަކޮށްލާނަމެވެ.

ދިވެހި އިޤްތިޞާދުގެ ލޭނާރަކީ މަސްވެރިކަމެވެ. ފަތުރުވެރިކަމުގެ ސިނާއަތަށްފަހު ރާއްޖޭގެ އިގްތިސާދޯގެ އެންމެ ބޮޑު ބައިވެރިއަކަށް ވެފައި އޮތީ މަސްވެރިކަމެވެ. މަސްވެރިކަމަކީ ދިވެހި އެތައް ޢާއިލާއެއްގެ ބަނޑުފުރާނަމުއްތިކުރުމާއި ގުޅިފައި އޮތް މުހިންމު ސިނާއަތެކެވެ. ނަމަވެސް ސަރުކާރުތަކުގެ އިހްމާލުންނާއެކު މި ސިނާއަތް ދިޔައީ ވަޅުޖަހަމުންނެވެ. މަސްވެރިކަމަށް އެނބުރު ޒުވާނުންތައް މަސްދޯނިތައް ދޫކޮށް އެހެން ވަޒީފާތަކަށް ބަދަލުވާންފެށިއެވެ. މަސްދޯނިތަކުން ދިވެހި ކުލަ ފަނޑުވެ، ބިދޭސީންގެ ކުލަޖެހި އެވެރިން ދޯނިތަކުގައި ރަސްކަންކުރާން ފެށިއެވެ. ބޮޑެތި މަސްދޯނިތައް މުދާ އުފުލާ އުޅަނދުތަކަށްބަދަލުކޮށް، އެ ސިނާއަތް އޮތީ އަޑިއަޅާލާފައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ދިވެހި އިގްތިސާދުގެ ލޭނާރަށް ޖެހިފައި އޮތް ހާލެވެ. އެއްކޮށް ވިންދު ނުކެނޑުނުނަމަވެސް އޮތީ ފުން އަނދަވަޅެއްގައެވެ.

މަސްވެރިކަމަށް ދިރުން ގެނުވާނެ މުހިންމު ސިޔާސަތުތަކެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަންނަވަން އެކުލަވާލި މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއްދެއްވި އެއް ދާއިރާ އަކީ މަސްވެރިކަމެވެ. އަލުން މަސްވެރިކަން އިހުއޮތްތަނަށް އިޔާދަކުރުމުގެ ފުރިހަމަ ޕްލޭންތައް އެ މެނިފެސްޓޯގައި ވެއެވެ.

''ރާއްޖޭގެ ލޭނާރު ގޮތުގައި، އިޤްތިޞާދީ ލޭނާރު ގޮތުގައި، އަޅުގަނޑު ގަބޫލުކުރަނީ އަދި ހަމަ ގިނަ ރައްޔިތުންވެސް ގަބޫލުކުރާނީ މަސްވެރިކަން ކަމަށް. މަސްވެރިކަން ދިރުވައި އާލާކޮށް ފުޅާކުރުމަކީ އެއީ، އަޅުގަނޑުގެ ސިޔާސަތު. އަދި އަޅުގަނޑު މެނިފެސްޓޯގައިވެސް ހިމަނާފައި އޮތް ވަރަށް ވަރަށް ވަރަށް ބޮޑު އިސްކަމެއް ދީފައި އޮތް ކަމެއް އެއީ. މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުން. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، މަސްވެރިކަމުގެ ޞިނާޢަތު އޮތީ އެކި ސަބަބުތަކާ ހެދި ވަރަށް ބޮޑަށް ވަޅުޖެހިފައި އިނގޭތޯ. މަސްވެރިން ބާނާ މަހަށް ފައިސާ ނުދެވޭ. އަޅުގަނޑު ހަނދާންވަނީ، 250 މިލިއަނަށްވުރެ ގިނަ ރުފިޔާ، މަސްވެރިން ބާނާ މަހަށް މިފްކޯއިން ނުދެވިހުރި ކަމަށް.'' -ރައީސް މުޢިއްޒު- (ރައްޔިތުންނާއެކު ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑު، 17 އޭޕްރިލް 2025)

އެމަނިކުފާނުގެ މަސައްކަތްޕުޅު ތަރުތީބު ކުރެއްވީ މިދެންނެވި ފުން ޙަޤީޤަތް ޤަބޫލުފުޅުކުރަށްވައިގެން މި މައްސަލައަށް އެކަށޭނަ ހައްލެއް ލިބިގެންދާނެ ގޮތުގެ މަތީންނެވެ.

48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާނެކަމުގެ ވަޢުދު ފުއްދެވުން، ނަތީޖާ ފޮނި

މަސްވެރިން ބާނާ މަހަށް 48ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭގޮތަށް ކަންތައްތައް އިންތިޒާމު ކުރެއްވުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެކެވެ. އެމަނިކުފާނު ވަނީ މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން އެ ވަޢުދު ފުއްދަވާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އޭގެ ފަހަތަށް ދިޔަ އަހަރެއްހާ ދުވަސް އެ ވަޢުދު ނުފެއްދެވި ދިޔައީ އޭރު އޮތް އަޑިގަނޑުން އަރައިގަތުމުގެ މަސައްކަތުގައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހުއްޓެވެ. އަދި ތެޔޮ ސަބްސިޑީސް އާއި އެކު މި ސަރުކާރަށް 1000 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި އޮތީ ވާރުތަވެފައެވެ. ނަމަވެސް 10 ޑިސެމްބަރު 2024 އާއި ހަމައަށް މަސްވެރިންނަށް ނުދެވި އޮތް ފައިސާ ވަނީ މަސްވެރިންނަށް ދީ މި ސަރުކާރުން ޚަލާސްކޮށްފައެވެ.

މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދިނުމަށް ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި މިނިސްޓްރީ އޮފް ފިނޭންސްއާއެކު ވަނީ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް 470 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް މި ސަރުކާރުން ވަނީ ދޫކޮށްފައެވެ. އަދި ދުވަހުން ދުވަހުން އަންނަނީ ފައިސާ ދޫކުރަމުންނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ކުރިން ފައިސާ ނުލިބޭތީ ދޯނިތަކުން ފޭބި ދިވެހި ޒުވާނުން ވަނީ އަނބުރާ މަސްވެރިކަމަށް ނުކުންނަން ފަށާފައެވެ. އަދި ބިދޭސީންގެ ބަދަލުގައި ދިވެހިން މަސްވެރިކަމަށް ނެރުމުގެ އަމާޒަށް ދަނީ ވާސިލް ވެވެމުންނެވެ.

މަސްވެރިންނާ ރައީސާ ގާތް ގުޅުމެއް

މަސްވެރިންގެ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ އައިސް އަދި ތެލުގެ މައްސަލަތަކަށް ޙައްލު ހޯދަމުންދަނީ މަސްވެރިންގެ ޚިޔާލާއި މަޝްވަރާއާއެކުގައެވެ. ރައީސް އަމިއްލަފުޅަށް މަސްވެރިންނާ ބައްދަލުކޮށް، އެބޭފުޅުންގެ ބޭނުންތައް އަޑުއައްސަވައި، ގުޅުން ބަދަހިކުރައްވާފައިވެއެވެ.

''ރައީސް އޮފީހުގައިވެސް އަޅުގަނޑު ބައްދަލުކުރިން، ކެޔޮޅުންގެ ޓީމަކާ. އެ ބޭފުޅުން ވަޑައިގެން، ބޭނުންވި ހުރިހާ ކަމެއް ޙިއްޞާ ކުރެއްވި. އަދި މިހާރު އަޅުގަނޑު ބަރާބަރަށް ސީދާ ގުޅުންވެސް އެބަ ބާއްވަން އެ ބޭފުޅުންނާ އިނގޭތޯ. އަޅުގަނޑާ އެ ބޭފުޅުންނާ ޑައިރެކްޓްލީ އަޅުގަނޑާ ވާހަކަ ދެއްކޭނެ މިހާރު އިނގޭތޯ. އެ ބޭފުޅުން މެސެޖް ކުރެއްވިޔަސް، ކޮންމެ ދުވަހަކުހެން އަޅުގަނޑު އެބަ ޖަވާބުދެން އިނގޭތޯ. މަސްވެރިންނާ ގާތުން މަސައްކަތް ކުރުން އަޅުގަނޑަށް ވަރަށް މުހިންމު. މަސްވެރިކަމާބެހޭ ވުޒާރާއިންވެސް އެދަނީ ވަރަށް ގާތުން މަސައްކަތް ކުރަމުން'' -ރައީސް މުޢިއްޒު- (ރައްޔިތުންނާއެކު ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑު، 17 އޭޕްރިލް 2025)

މި ގާތްގުޅުމާއެކު މަސްވެރިންނަށް ބޭނުންވާ ކަންކަން ޙައްލުކޮށްދިނުމުގައި، ޢުމްރާނީ ތަރައްޤީއާއި ވަސީލަތް ޤާއިމުކުރުމު ތަރައްގީގެ ވަރަށް ގިނަ ކަންކަން ދަނީ މިހާރު ކުރެވެމުންނެވެ.

ސިނާއަތުގެ ގާބިލުކަން އިތުރުކުރުން

މަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް މަސައްކަތްކުރެވެމުންދާއިރު، ކޮންމެ އަތޮޅެއްގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މަހުގެ އަގު މަތިކުރުމަށް އިސްކަންދެވޭއިރު، މިހާރު ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު 9,500 ޓަނުން 25,000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން 115 ޓަނުން 365 ޓަނަށް އިތުރުކޮށް، މީގެ އިތުރުން، އައިސް ޕްލާންޓްތަކުގެ އުފެއްދުންތެރިކަން 600 ޓަނަށްވުރެ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

މި މަސައްކަތުގެ ތެރެއިން ގދ. ތިނަދޫ އަދި ކ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް މިއަހަރު ނިމޭނެއެވެ. އަދި ގދ. ފިޔޯރީގައި 3,000 ޓަނުގެ އަދި ފ. ނިލަންދޫގައި 1,500 ޓަނުގެ މަޝްރޫޢުތައް ވަނީ ފެށިފައިވެއެވެ. މީގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ މަޝްރޫޢު، ސ. ކޫއްޑޫގައި 4,000 ޓަނުގެ މަސްފިނިކުރާ މަޝްރޫޢު، ހއ. އިހަވަންދޫގައި 2,000 ޓަނުގެ ޕްރޮސެސިންގ ޕްލާންޓް، އަދި ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތް ވަނީ އެކި މަރުހަލާ ތަކުގައެވެ.

މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، އާރު.އެސް.ޑަބްލިޔު. ސިސްޓަމް ދޯނިތަކުގައި ހަރުކުރުމާއި، ގިނަ ސަރަޙައްދުތަކުގައި ކަނދުފަތި ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. މިހާތަނަށް 18 ވަދު ކަނދުފަތި އަދި 21 އާންމު ކަނދުފަތި ވަނީ ގާއިމުކޮށްފައެވެ.

މަސްވެރިންނަށް މާލީ އެހީތެރިކަމާއި، ފަންނީ އެހީ

މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވި، ރެސްކިއު ޑައިވިންގ ކޯސްތައް ހިންގައި، ކޮންމެ ދޯންޏަކުން އެއް ފަރާތެއް ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 56 ދޯންޏަކުން ޑައިވަރުން ވަނީ ތަމްރީނުކޮށްފައެވެ.

މިހާތަނަށް އައިއިރު މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ލޯނު ނެގޭނެ ގޮތްތައް ފަހިކޮށްދީ، މަސްވެރިންގެ ދަފްތަރެއް ޤާއިމުކޮށްފައިވާއިރު، މި ދަފްތަރުގައި ރަޖިސްޓަރީވުމުން ލޯނާއި ކްރެޑިޓް ފެސިލިޓީތަކަށް އެދެވޭނެއެވެ. މިހާރު 95% މަސްދޯނި ދަފްތަރުވެފައިވާކަން ފާހަގަކުރެވެއެވެ.

މަސްވެރިކަމުގެ ރޮނގުން މަތީ ތަޢުލީމާއި ތަމްރީން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަސްވެރިކަމާއި ކަނޑުގެ ސައިންސާ ގުޅޭ ކޮލެޖެއް އުފައްދާފައިވާއިރު، 45 ދަރިވަރުންނަށް ބެޗްލަރ އޮފް ފިޝަރީޒް މެނޭޖްމަންޓް ކޯހަށް ފުލް ސްކޮލަރޝިޕް ގައި ދަނީ އުނގެނުންނެވެ. އަދި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުންވެސް ކޯސްތަކާއި ސްކޮލަރޝިޕްތައް ހޯދައިދިނުމަށް މަސައްކަތްކުރެވެމުންދެއެވެ.

ކުރިމަގަށް މުހިންމު ޕްލޭންތަކެއް

މަސްވެރިކަމުގެ އިޤްތިޞާދީ ފައިދާއަށް ބަލާއިރު، ފަތުރުވެރިކަމަށްވުރެ 3 ގުނަ އިތުރަށް ޤައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރެވޭނެކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ ފުޅާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް އޮތުމާއެކު، ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް އިސްކަންދެވެއެވެ.

ކުރިމަގުގެ ޕްލޭންތަކުގެ ތެރޭގައި މަސްވެރިކަން އިތުރަށް ފުޅާކުރުމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަން ބޭނުންކުރުން ހިމެނެއެވެ. އިންވެސްޓްމަންޓް ހޯދުމަށް ބޭރުގެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވިފައިވާއިރު، ކަނޑުގެ ވަސީލަތްތައް އިޤްތިޞާދީ ގޮތުން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމުގެ ސިޔާސަތު މި ސަރުކާރުން ވަނީ ތައާރަފްކޮށްފައެވެ.

ކޮމެންޓް

871x217_placeholder