logo
E-Platinum
ޚަބަރު

އައު ޓާމިނަލް ހުޅުވުން: ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
5 ޖުލައި 2025 - 07:26
އައު ޓާމިނަލް ހުޅުވުން: ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި

މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި އެވެ.

ފަސިންޖަރު ބޯޑިން ބްރިޖަކީ ރައްކާތެރި ކަމާއެކު މަތިންދާބޯޓުން ޓާމިނަލްއަށް ފޭބުމަށް ގުޅާލެވޭ ބްރިޖެކެވެ. މި ބްރިޖުގެ ސަބަބުން ޓާމިނަލުން މަތިންދާބޯޓަށް އަދި މަތިންދާބޯޓުން ޓާމިނަލަށް ދިއުމަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އެވެ. މިއީ އާ ޓާމިނަލްއާއެކު ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ހިދުމަތެކެވެ.

މި ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރަން މިހާތަނަށް ވަނީ 46 މުވައްޒަފުން ތަމްރީންކޮށްފަ އެވެ. އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީން ކޮށްފައިވަނީ މެލޭޝިއާއަށް ފޮނުވައިގެންނެވެ.

މި ތަމްރީނުތަކުގެ ބޭނުމަކީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިކުރުވުމެވެ. އަދި ބޯޑިން ބްރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމެވެ.

އެގޮތުން މި ތަމްރީނުތަކުގައި ބައިވެރިވި މުވައްޒަފުން، ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރުމުގެ ކުރިން އޭގެ ސިމިއުލޭޓާ އެކްސަސައިޒްތަކެއްވެސް ވަނީ ހަދައިފަ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ މެލޭޝިއާ އަށް ފޮނުވައިގެން ތަމްރީނު ހެދި މުވައްޒަފުން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ފަސިންޖަރު ބޯޑިން ބްރިޖަށް އޮޕަރޭޓް ކުރާނެ އިތުރު މުވައްޒަފުން ތަމްރީނު ކުރުމެވެ.

undefined

ޖުމުލަ 78،000 އަކަމީޓަރުގެ ބޮޑުމިނުގައި ބިނާކުރެވިފައިވާ މި ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ޒަމާނީ ޓާމިނަލެކެވެ. މިއީ މިހާރު ބޭނުންކުރަމުންދާ ޓާމިނަލަށްވުރެ އެތައް ގުނައެއް ބޮޑު، ފެންވަރު ރަނގަޅު ޓާމިނަލެކެވެ.

އާ ޓާމިނަލްގައި ހިމެނޭނީ 6 އެއިރޯ ބްރިޖް، 47 ޗެކްއިން ކައުންޓަރު، ސެލްފް ސާވިސް ކިއޮސްކްތައް، އޮޓޯމެޓިކް ބެގޭޖް ހެންޑްލިން ސިސްޓަމް އަދި އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް ޓާމިނަލްގައި ގާއިމުކުރެވޭނެއެވެ. އައު ޓާމިނަލާއެކު އިތުރު 2000 އެއްހައި ވަޒީފާ އުފެދޭނެކަމަށްވެސް އެމްއޭސީއެލްއިން ލަފާކުރެއެވެ.

މަޝްރޫއު ނިންމުމަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރާއި، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 80 މިލިއަން ޑޮލަރު ލިބިފައިވާއިރު މި ދެ ފަންޑުން ޖުމްލަ 180 މިލިއަން ޑޮލަރު، ނުވަތަ 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަނީޚަބަރު | ދުވަހެއް ކުރިންހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކުރަނީ ޚަބަރު | 2 ދުވަސް ކުރިންވީއައިއޭގެ ކާގޯ ޓާމިނަލްގައި އޮފީސް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިޚަބަރު | 4 ދުވަސް ކުރިންޚިދުމަތުގެ ފެންވަރު ރަނގަަޅު ކުރުމަށް އެމްއޭސީއެލް އިން އިތުރު އެއްބަސްވުންތަކެއް ޚަބަރު | 4 ދުވަސް ކުރިން