ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކުރަނީ
16 އޭޕްރީލު 2025 - 09:28

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ޖުލައި 26 ގައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތަށް ވަމުންއަންނަ ތައްޔާރީތަކާ ގުޅިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ތިރީގައިވާ ގޮތަށް ޕާކުކުރުން ވަގުތީ ގޮތުން މަނާކުރުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
އެމްއޭސީއެލްއިން ބުނީ ހުޅުލޭ އިރުމަތީ ފަރާތު ޕާކިން ޒޯންގައި ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ އުޅަދުތައް ޕާކު ކުރުމަކީ މަނާ ކަމެއްކަމަށެވެ. މި ތާރީހުގެ ކުރިން މި ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން އެ އުޅަނދުތައް ނަގައިދިނުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.
މީގެއިތުރުން ހުޅުލޭ ހުޅަނގު ފަރާތު ޕާކިން ޒޯނުގައިވެސް ބުރާސްފަތިދުވަހުގެ އިރުއޮއްސި 6:00 ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއްކަމަށް އެކުންފުނިންވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހަށްފަހު މޯލްޑިވްސް ޕޮލިސް ސާވިސަސްއާ ގުޅިގެން މި ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރެވޭނެކަމަށާއި ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާނުކުރާނެކަމަށް އެކުންފުނިންވަނީ ބުނެފައެވެ.
އެކުންފުނިން ވަނީ މި ބަދަލާ ގުޅިގެން ޕާކިން ޒޯނުތަކުގައި ޕާކުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށްއެދިފައެވެ.