އައު ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަނީ
.jpg&w=96&q=75)
15 ޖުލައި 2025 - 16:26

ވެލާނާ އެއާޕޯޓު ހުޅުވާ ރަސްމިއްޔާތަށް ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމާފައިވާކަން އެމްއޭސީއެލް އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "މެންދުރު ޓީވީ" އަށް ވިދާޅުވީ، އެއާޕޯޓަކީ ރާއްޖޭގެ ރައްޔިތުންގެ ފަޚުރުކަމަށާއި، މި އައު ޓާމިނަލަކީ ދިވެހި ރައްޔިތުންގެ ޓާމިނަލެއް ކަމަށެވެ. އެހެންކަމުން އެ ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ސިޔާސީ ވަކި ފިކުރެއް ބެއްލެވުމެއް ނެތި، ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އެރުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ކުރިޔަށްދަނީ އެ ދައުވަތުތައް ފޯރުކޯށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމުގައި ވެސް އޮފިޝަލް ވިދާޅުވިއެވެ.
ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް، މި މަހުގެ 26 ވަނަ ދުވަހުއެވެ. މި ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި މަސައްކަތް ފަށައި، ނިމުނު ދައުރުގައި ވެސް މަސައްކަތްތަކެއްކޮށް މި ދައުރުގައި ނިމޭ ޓާމިނަލެކެވެ.
އެގޮތުން "ރައްޔިތުންގެ އަޑު"ގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ދައުރުގައި އެ ތަނުގެ މަސައްކަތް ފެށި ކަމާއި، އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި އެ ތަނުގައި އިތުރު މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި، މި ސަރުކާރުން އެ ތަނުގެ ބާކީ ހުރި މަސައްކަތްތަކުގެ ތެރެއިން ބޮޑު ބައެއް ނިންމާލައި ހުޅުވަން ތައްޔާރުވެފައިވާކަން ވެސް މިއަދު ފާހަގަކުރައްވާފައެވެ.
އަދި އެ ތަނުގެ މަސައްކަތް ކުރެއްވި ހުރިހާ ވެރިންނަށް ކްރެޑިޓް ހައްގު ކަމަށް ރައީސް މިއަދު ވިދާޅުވެފައިވެއެވެ.
އެ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް ޓާމިނަލެކެވެ.