logoEN
ޚަބަރު

އިިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީ ކުރަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

20 ސެޕްޓެމްބަރު 2024 - 11:27

ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމަށް އެމްޕ.އެލް އާއި އިހަވަންދޫ ކައުންސިލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިހަވަންދޫގައި އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙްމަދު ޟަބާޚް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ މުހިންމު ބައެއް ކަމެކެވެ. އަދި އެމްޕީއެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވަޖީހު ވިދާޅުވި އެވެ.

"ލަސްތަކެއްނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ސީއީއޯ ވަޖީހް ވިދާޅުވި އެވެ.

ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފަށާއިރު ހުރިހާ ކަމެއް ފުރިހަމަނުވިޔަސް، އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިފަދަ ކަމެއް ފަށާއިރު ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެ. ފަށާއިރު ހުންނާނެ މައްސަލަތައް. އެކަމަކު ރާއްޖެ މިއޮތް ޖިއޮގްރަފިކަލް ލޮކޭޝަންއިން އަޅުގަނޑުމެންނަށް މިކަމުގެ ފައިދާނެގޭނެ. މިއަދަކު، މާދަމާ ނުވިޔަސް، މިކަމުން (ރާއްޖެ)އަށް ފައިދާ ލިބޭނެ،" ވަޖީހް ވިދާޅުވި އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް ޟަބާޙް ވިދާޅުވީ އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ތަރައްޤީކުރުމަކީ އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޕްރޮޖެކްޓެއް ކަމަށެވެ.

"ވަޒީފާގެ ފުރުސަތުތަކެއް (ރަށުގައި) އެބަ އުފެދޭ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން،" ޟަބާޙް ވިދާޅުވި އެވެ.

އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭއަކީ ތަރައްޤީކުރަނީ އުތުރު މެރިޓައިމް ސަރވިސް (ޔޫއެމްއެސް)ގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އެމްޕީއެލް އިން ވަނީ ހއ. އުލިގަމުގައި އައިއެސްޕީއެސް ގޭޓް ޤާއިމްކޮށްފަ އެވެ. އަދި އެ އަތޮޅު ތުރާކުނުގައި ވޯޓާ ބަންކަރިން ޚިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް ވަނީ އެ ރަށު ކައުންސިލްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް

871x217_placeholder