ފަރުމުލީގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލައިފި


06 ޖުލައި 2025 - 14:23
ނ.ފަރުމުލީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި އަދި 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މި މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުމަށް އިޢުލާނުގައި ބުނެފައިވެއެވެ.
—-
ނ.މާފަރުގެ ފަޅުތެރޭގައި އޮންނަ "ފަރުމުލި" އަކީ އެރަށުގެ ބައެއް ނޫންކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ކަނޑައެޅުއްވީ މިއަދެވެ..
މިއަދު ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 17/2025 އިން، މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިއާއެކު، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި "ފަރުމުލި" ވަނީ ކަނޑައަޅުއްވާފައެވެ.
މި ޤަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.