ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި 69 ފަރާތަކުން ހުށަހަޅައިފި

07 ޖުލައި 2025 - 05:54
މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި މިހާތަނަށް 69 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އެހެންނަމަވެސް އިތުރު ލުއިތަކާއެކު އަލުން ވަނީ މި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށްފައެވެ.
އިތުރު ލުއިތަކާއެކު ލޯނަށް ހުޅުވާލި ފަހުން މިހާތަނަށް 69 ފަރާތަކުން ލޯނަށް އެދި ހުށައަޅާފައިވާކަމަށާއި މީގެތެރެއިން 21 ފަރާތަކާއެކު ލޯނު ދިނުމަށް ސޮއިކޮށް ލޯނު ދޫކުރަން ފަށާފައިވާކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
އެގޮތުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ކުޑަކޮށްފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ވުޒާރާއިން ބުނީ މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެކަމަށެވެ. އެހެންނަމަވެސް އަލަށް ދިން ލުޔާއެކު ކަނޑައެޅިފައިވާ މުއްދަތުގައި ގަވައިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ "ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު" ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ވަނީ ފެސިލިޓީއެއް ހަމަޖެހިފައެވެ. މި މަޝްރޫޢު ހުޅުވާލީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކީ، މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ޙައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. އެގޮތުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭގޮތަށް ނިންމާފައިވާ ނިންމުން ފާހަގަކޮށްލެވެއެވެ.
މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެއެވެ.
އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އޮޑީގެ ޚަރަދު ކުޑަވެ ސީދާ މަސްވެރިޔާގެ ޖީބަށް ވަންނަ ފައިސާ އިރުތުވެގެންދާނެއެވެ.
އިތުރު ލިޔުންތައް

މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު
އަހަރެއް ކުރިން
ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މަސް ބަންދުކުރާ ފެސިލިޓީއެއް
އަހަރެއް ކުރިން
ބިލިއަނެއްހާ ރުފިޔާގެ މަންފާއެއް ލޭނު މަސްވެރިކަމުން ރާއްޖެއަށް ލިބޭނެ: މިނިސްޓަރ ޝިޔާމް
އަހަރެއް ކުރިން