ކޮންފަރެންސް ހޯލަކާއި މީޓިން ރޫމަކާއެކު ނޫމަރާ ކައުންސިލްގެ އާ އިމާރާތް ނިންމައިފި
7 ޖުލައި 2025 - 11:24

80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ށ. ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ. ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނައިގެން، ށ.ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.
ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
3.9 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ނިންމާފައިވާ މި އިމާރާތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ މާލަމަކާއި، ސްޓޯރ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ ހިމެނެއެވެ.

Ad by Hajj Corporation
ޖާގައިގެ ދަތިކަން އޮތް ކައުންސިލްތަކަށް އައު އޮފީސް އިމާރަތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ކައުންސިލްތަކުގެ އައު އިމާރާތްތައް ތަރައްޤީކުރުމަށް ނިންމާފައިވަނީ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލުކުރުމަށާއި މަސައްކަތް ކުރުމަށް ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށެވެ.
ށ. ނޫމަރާ ކައުންސިލް އިދާރާގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި ވަސީލަތްތައް މަދު އިމާރާތެއްކަމަށާއި، އަދި މި ދައުރު ހަވާލުވިއިރު އިދާރީ ގޮތުން ހިންގަން ތިބީ އެންމެ 4 މުވައްޒަފުންކަމަށް ދައުލަތުގެ މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އަސްލަމް ހުސެއިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އައު އިމާރާތާއެކު ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ފަސޭހަވެ މުވައްޒަފުންގެ ދަތިކަން ހައްލުވެގެން ދާނެކަމަށާއި، އައު އިމާރާތާއެކު ކުރިން ދިމާވި ދަތިތަކަށް އެދެވޭ ހައްލު ލިބި، ރައްޔިތުންނާއި ގާތުން މިހާރަށްވުރެވެސް ފުރިހަމައަށް ޚިދުމަތް ދެވޭނެކަމަށް އަސްލަމް ވަނީ ފާހަގަ ކުރައްވާފައެވެ.
" އައު އިމާރާތަށް ބަދަލުވުމުން މަސައްކަތްތައް ޑަބަލް ފަސޭހަ ވެގެން ދާނެ. މުވައްޒަފުންގެ ދަތިކަންވެސް ހައްލުވާނެ. އެހެންވީމަ ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކައުންސިލްގެ މަސައްކަތްތަކަށް" ނޫމަރާ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.


