logoEN
ޚަބަރު

ރާއްޖެ ޓީވީން ފަތުރަނީ ދޮގެއް، ދިވެހިންގެ ވިންދާނުގުޅޭ ކަމެއް ނުކުރަން، ނުވެސް ކުރާނަން: އެމްއޭސީއެލް

މުހައްމަދު މޫސާމުހައްމަދު މޫސާ

07 ޖުލައި 2025 - 18:07

ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުގެ ދައުލަތާއި ނުވަތަ އެ ޤައުމާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފިއެވެ.

އެމްއޭސީއެލުން މިގޮތަށް ބުނެފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހުޅުވުމުގެ ރަސްމިއްޔާތަށް ހަވާ އެރުވުމަށް އެ ކުންފުނިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިސްރާއީލަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެއްކަމަށް ބުނެ، 7 ޖުލައި 2025 ގައި ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީން ސޯޝަލް މީޑިއާގެ މަންސަތަކުގައި ދައުރުކުރަމުންދާ ވީޑިއޯއަކާ ގުޅިގެންނެވެ.

އެމްއޭސީއެލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ ޓީވީން ގެނެސްދީފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެމްއޭސީއެލްއަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއްކަމަށް ވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ އެއްވެސް ކަމެއް އެ ކުންފުނިންކޮށްފައި ނުވާނެކަމަށް ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ކުންފުނިން އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ރައްޔިތުންނަށް ދީފައެވެ.

އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވަނީ ހައްދު ފަހަނާއަޅާފައިވާ އިސްރާއީލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިސްރާއީލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެކު އެއްވެސް މުއާމަލާތެއް ކޮށްފައެއްނުވާނެކަމަށެވެ.

އެ ކުންފުނިން ވަނީ ޚާއްޞަގޮތެއްގައި ރާއްޖެ ޓީވީން ދައުރުކުރާ ވީޑިއޯގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް ކުރަމުން ނުދާކަމުގެ ޔަގީންކަން ވެސް ދީފައެވެ. އަދި އެ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް، އެ ކުންފުނީގެ އަގުވައްޓާލުމުގެ ބޭނުމުގައި ފަތުރަމުންދާ ވާހަކަތަކެއްކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްއޭސީއެލްއަކީ ރާއްޖޭގެ މައި ދޮރާށި ބަލަހައްޓާ ކުންފުނިކަމުން، ރާއްޖެ ޓީވީގެ މިވާހަކަތަކަކީ، ސްޓޭކްހޯލްޑަރުންގެ އިތުބާރު އެ ކުންފުނީގެ މައްޗަށް ގެއްލޭފަދަ ވާހަކަތަކެއްކަމަށާއި އެހެންވެ، މިކަމުގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައް ބަލަމުންއަންނަކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެ މައްސަލަ މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅަން ތައްޔާރުވަމުން އަންނަކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

871x217_placeholder