ގާނޫނުއަސާސީގައި ތަޅުއެޅުވިފައި ހުރި މާއްދާތައް، ހިޔާލު ހޯދުމުގެ ގާނޫނުން އެ ހައްގުތައް ކަށަވަރުވާނެ: ނާޒިމް
8 ޖުލައި 2025 - 10:26

ގާނޫނު އަސާސީގައި ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅުން ހުރި ބައެއް ބާބުތައް ވަނީ ތަޅުއެޅުވިފައި ކަމަށާ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހުށަހަޅަފައިވާ ބިލުގެ ސަބަބުން އެ ހައްގުތައް ރައްޔިތުންނަށް ކަށަވަރުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ ނާޒިމް ވިދާޅުވީ މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވަރަށް މުހިންމު ބިލެއް ކަމަށެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ނިންމުންތަކުގައި ރައްޔިތުންގެ ބަސް ބުނުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނިންމާ ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ރައްޔިތުންނަށް އަދި ސިޔާސީ ޕާޓީތަކަށްވެސް ބަސްބުނުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.އެހެންވީމާ ރައްޔިތުންގެ ބަހެއް ހޯދުމަށް އޮންނަ ގޮތަކީ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މިހާރު ގާނޫނު އަސާސީގެ ބައެއް މާއްދާތަކުގައި އޮންނަނީ "ތަޅު އެޅުވިފައި" ކަމަށެވެ.
މިހާރު ގާނޫނު އަސާސީގެ ބައެއް މައްދާތައް ވަނީ ތަޅުލެވިފައި އަސާސީ ހައްގުތަކުގެ ބާބުގައި ހިމެނޭ ބައެއް ބާބުތަކާ އަދި އާންމުންގެ ދިރިއުޅުމާ ގުޅިފައި ހުރި ވަރަށް ގިނަ ކަންތައްތައް ބިނާ ވެފައި މިވަނީ ގާނޫނު އަސާސީގައި ތަޅުއެޅުވިފައިހުރި މާއްދާތަކަށް އެމާއްދާތައް ހުޅުވުމަށްޓަކާ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ މިއަދު ހުށަހެޅިގެން މިދަނީ އެކަމަށް މަގުފަހިކޮށްދޭ ގާނޫނަކަށް ވާތީ މީ ބަރުލަމާނީ ހަޔާތުގައި ވަރަށް މުހިންމު ގާނޫނެއް
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން ރައްޔތުންގެ މަޖިލީހަށް އަންގާ ހާލަތްތަކުގައި އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ވޯޓުނެގިދާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގުކުރުމުގެ ކުރީން އެ ބިލަކާއި މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އާންމު ވޯޓު ނެގުމުގެ އިހުތިޔާރު ރައީސް ބޭނުންކުރައްވަން ވާނީ މި ގާނޫނުގެ ދަށުން ބަޔާންކުރާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިންނެވެ.