logoEN
ޚަބަރު

މާފަރު އެއާރޕޯޓަށް ގެނައި ތަރައްޤީއާއެކު ލިބޭ ނަފާވެރިކަން ބޮޑުވާނެ - މިނިސްޓަރ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

08 ޖުލައި 2025 - 11:45

މާފަރު އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ބަދަލުވެގެން ދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.މާފަރު އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ފެންވަރަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އައަރޕޯޓަށް މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ވަނީ ޖައްސާފައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ގައުމުގެ އިޤްޞާތިދު އޮތީ ފަސޭހަ ހިސާބެއްގައި ނޫންކަމަށެވެ. ގޮންޖެހުންތައް ބޮޑު އެ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްކުރެއްވީ ކެތްތެރިކަމާއި، ހިކުމަތްތެރިކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ އިސްވެރިންނާއި ފަރާތްތަކާއެކުގައި ކެތްތެރިކަމާއިއެކު މަސައްކަތް ކުރެއްވިކަންވެސް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

ނ. އަތޮޅަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ތަރައްޤީވެފައިވާ އަތޮޅެއްކަމަށާއި، އެގޮތުން ނ. އަތޮޅުގައި މަތީފަންތީގެ ރިސޯޓްތައް ހިމެނޭގޮތައް 2500 އެއްހައި އެނދު އޮޕަރޭޓްކުރަމުން އަންނަކަންވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މި އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ އެ ސަރަހައްދުގެ ރިސޯޓްތަކާއި، ގެސްޓްހައުސްތައް އަދި އިޤްޞާދީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށްވެސް ލިބިގެންދާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މާފަރު އެއާޕޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖަރ ޖެޓީ ވަނީ ގާއިމުކޮށްފައެވެ. މާފަރު އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. މި އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-އީއާރް300 ފްލައިޓް ޖެއްސޭގޮތަށް މިހާރު މިވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާ، ރަންވޭގެ އެއަރފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވަނީ ކުރިއަށްގެންގޮސްފައެވެ.ދެވަނަ ފިޔަވަހި ހިމެނޭހެން އެއަރޕޯޓްގެ ހުރިހާ މަސައްކަތްތައް ނިންމާފަވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މި މަޝްރޫޢުގެ ދެ ފިޔަވާހިގެ މަސައްކަތަށް އަބޫދާބީ ފަންޑުން 76 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީ ވަނީ ދީފައެވެ.

ކޮމެންޓް

871x217_placeholder