"މިއަދަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި ނ. އަތޮޅުގެ މުހިއްމުކަން ރަމްޒުކޮށްދޭ ދުވަހެއް"


08 ޖުލައި 2025 - 12:30
މިއަދަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި ނ. އަތޮޅުގެ މުހިއްމުކަން ރަމްޒުކޮށްދޭ ދުވަހެއް ކަމަށާއި، މިއަދަކީ ނ. އަތޮޅުގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއްގެ އުންމީދު އާކޮށްދޭ ދުވަހެެއް ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއަޕޯޓް ތަރައްޤީކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއަދު އެއްވެ މިތިބީ ކޮންކްރީޓްއާއި ތާރާއި ދަގަނޑުން ހަދާފައިވާ އެއަރޕޯޓެއް ހުޅުވުމަށްވުރެ ބޮޑު މައުނަވީކަމެއް ފާހަގަކުރަން. ނ. އަތޮޅަކީ ޤުދުރަތީގޮތުން އޮތް އެންމެ ރީތި އަތޮޅު. ނ. އަތޮޅަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެތައް ރިސޯޓްތަައް އޮތް އަތޮޅެއް." އިމާރާތް ކުރުމާއި ގެދޮރުވެރިކާމާއި ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއަށް އަންނަ ތަރައްޤީއާއެކު ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުންކަމަށާއި އެހެންކަމުން ރާއްޖޭގައި ކުރެވޭ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ދައުލަތަށް ޓެކްސް ފައިސާ ހޯދަން އޮންނަ މަގަކަށް ވެގެން ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ އިންވެސްޓްމަންޓްތަކަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވުމުގެ އިތުރުން ވިޔަފާރީގެ ފުރުޞަތުތައް ލިބޭނެ އިންވެސްޓްމަންޓްތަކަކަށް ވާންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، ނ. އަތޮޅުގައި ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކަށް ޚިދުމަތް ކުރުމާއި، ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދީ، ރިސޯޓްތައް ތަރައްޤީކުރުމަށް އަންނަ މީހުންނާ ގުޅިގެން ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރެވިދާނެކަމަށެވެ.
މާފަރު އެއާޕޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރު އަދި ޕެސެންޖަރ ޖެޓީ ވަނީ ގާއިމުކޮށްފައެވެ. މާފަރު އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. މި އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-އީއާރް300 ފްލައިޓް ޖެއްސޭގޮތަށް މިހާރު މިވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާ، ރަންވޭގެ އެއަރފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވަނީ ކުރިއަށްގެންގޮސްފައެވެ.ދެވަނަ ފިޔަވަހި ހިމެނޭހެން އެއަރޕޯޓްގެ ހުރިހާ މަސައްކަތްތައް ނިންމާފަވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މި މަޝްރޫޢުގެ ދެ ފިޔަވާހިގެ މަސައްކަތަށް އަބޫދާބީ ފަންޑުން 76 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީ ވަނީ ދީފައެވެ.
އިތުރު ލިޔުންތައް

ގަން އެއާޕޯޓުގެ މަގުހެދުމުގެ މައްސަލަ ހައްލުކޮށް މަޝްރޫއު ކުރިއަށް
3 މަސް ކުރިން
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް މި ދައުރުގައި ނިންމާނަން: މުއްޠަލިބް
2 މަސް ކުރިން.jpg&w=3840&q=75)
ގުޅިފަޅުގެ ހުރިހާ ގޯއްޗެއް ހިއްކާފައިވާ ސަރަހައްދުން ދޭގޮތަށް ބަދަލުކޮށްފި
2 މަސް ކުރިން