ފްލެޓް ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ: ވަޒީރު މުއްޠަލިބް
28 ސެޕްޓެމްބަރު 2025 - 05:55

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފްލެޓް ލިބޭ 4000 މީހުންގެ ލިސްޓަށް އުސޫލުން ބޭރުން ބަދަލު ގެނެސް، އެއްވެސް ފަރާތެއް އެ ލިސްޓަށް އިތުރުކުރެވިފައި ނުވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 އެއްހާ ފުލެޓު، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު ވިއްކަން އުޅޭ ކަމަށް ބުނެ، ފަހި ޔޫނިއަނުން ކޮށްފައިވާ ތުހުމަތުތަކަކާ ގުޅިގެން ރާއްޖޭގެ މީޑިއާއަކުން ޝާއިއުކޮށްފައިވާ ޚަބަރަކަށް ރައްދުދެއްވައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation
އެ ޖަމްއިއްޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ކަމުގައި ބުނެ އެކިއެކި ފަރާތްތަކުން ފުލެޓް ގަންނާނެ ފަރާތްތައް ހޯދުމަށް އާންމު ރައްޔިތުން ކައިރިއަށް އަންނަ ވާހަކަ އެ ފަރާތްތަކުން އެ ޖަމްއިއްޔާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، 15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓަކީ މި މަޝްރޫއުގެ ފައިނަލް ލިސްޓް ކަމަށެވެ.
ފްލެޓު ދިނުމުގައި ޢަމަލުކުރެވޭނީ އެ ލިސްޓާއެކު ކުރެވުނު އިޢުލާނުގައިވާ ގޮތަށް ކަމަށާއި ލިސްޓުން އުނިވާނީ ޝަރުޠު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވާފައިވާއިރު، ލިސްޓަށް އައު ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 3,000 ފުލެޓުގެ ވެރިފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށް، އެ މަސައްކަތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ވަނީ ބުނެފައެވެ. މި 4000 ފުލެޓުގެ ތެރެއިން ފުރަތަމަ ހަވާލުކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފުލެޓުތަކެވެ.
އެފްޑީސީން މީގެ ކުރިން ވަނީ ފުލެޓުތައް ހަވާލުކުރާނީ އެ ފައިސާ ދެއްކުމުން ކަމަށް ބުނެފައެވެ.