ހިޔާވަހި ފައިނޭންސިންނަށް އެދި 2،200 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅި
28 ޑިސެމްބަރު 2025 - 10:37

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރުމަށް ސަރުކާރުން ތައާރަފުކުރި "ހިޔާވަހި" ފައިނޭންސިން ސްކީމަށް އެދި މިހާތަނަށް 2،256 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި ސްކީމަށް އޮތް ތަރުހީބު ބޮޑުކަމަށާއި، މިހާތަނަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 717 ފަރާތަކަށް 821 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
ލޯނު ދޫކުރާ މައިގަނޑު އުސޫލުތައް
މި ސްކީމަކީ 5 ޕަސެންޓުގެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި، 25 އަހަރުގެ މުއްދަތުން އަނބުރާ ދައްކާ ގޮތަށް ދޫކުރާ ލޯނުތަކެކެވެ. މިއީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ބޭންކުތައް މެދުވެރިކޮށް ދޫކުރާ ފައިނޭންސިން އެހީއެކެވެ. މި ސްކީމްގެ ދަށުން ލޯނު ދޫކުރަނީ ބީއެމްއެލް، އެމްއައިބީ އަދި އެޗްޑީއެފްސީ މެދުވެރިކޮށެވެ.
ހިޔާވަހި ފައިނޭންސިން ސްކީމް ބަހާލާފައިވަނީ މައިގަނޑު ތިން ކެޓަގަރީއަކަށެވެ:
- ރަށްވެހި: 1 މިލިއަން ރުފިޔާއާ ހަމައަށް
- ސަހަރު: 3 މިލިއަން ރުފިޔާއާ ހަމައަށް
- ފަހިމާލެ: 6 މިލިއަން ރުފިޔާއާ ހަމައަށް
ލޯނަށް އެދުމުގެ ލުއިތައް
މިނިސްޓަރު ވިދާޅުވި ގޮތުގައި، ލޯނަށް އެދި ހުށަހަޅާއިރު އާންމުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، ކައުންސިލުން ފާސްކުރި ރަސްމީ ކުރެހުން ނެތް ނަމަވެސް، އިންޖިނިއަރިން އަދި އާކިޓެކްޓް ސްޓޭމްޕް ޖަހާފައިވާ ކުރެހުމެއް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ.
މި ސްކީމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.


