ހައުސިން އެފޯޑަބިލިޓީ މަޝްރޫއާއިއެކު އާމްދަނީގެ އެކި ގިންތިތަކަށް އަތްފޯރާ ފަށަށް ބޯހިޔާވެހިކަން ތަނަވަސްވާނެ: މުއްތަލިބް
6 އޮކްޓޯބަރު 2025 - 05:11

ސަރުކާރުން އިއުލާނުކޮށްފައިވާ ނޭޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ސަބަބުން އެކި މޮޑެލްތަކުން އާމްދަނީގެ އެކި ގިންތިތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކުރެވިގެންދާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަލަން ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢު ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިކަން ސަރުކާރުން އިއުލާނުކުރެއްވީ ރޭގައެވެ.

Ad by Hajj Corporation
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވަނީ، ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމުގެ މަޤްޞަދުގައެވެ.
ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ ނޭޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ސަބަބުން އެކި މޮޑެލްތަކުން އާމްދަނީގެ އެކި ގިންތިތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކުރެވިގެންދާނެކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ތަންފީޒުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަންކަން:
- އިމާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްޤީކުރުމަށް ފުރުސަތު ހުޅުވާލުން.
- މިގޮތަށް ތަރައްޤީކުރާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސަރ ފައިނޭންސްގެ ޚާއްޞަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތަޢާރަފްކުރުން.
- މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެ ޔުނިޓުތަކަކީ ކަނޑައެޅޭ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމުގައި ކަނޑައެޅުން.
މީގެ އިތުރުން، މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫޢާ ގުޅޭ ކަންކަން އިތުރުކުރައްވައިގެން ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.